ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ގަވާއިދާ ހިލާފަށް ބިމެއް ދިން މައްސަލާގައި ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ މެމްބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ 5،000 އަކަފޫޓުގެ ބިމެއް ދިން މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން ޕީޖީ އޮފީހުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. 

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ 20 ގަ އެވެ. 

އޭސީސީން ބުނި ގޮތުގައި އެ މައްސަލާގައި ދައުވާކޮށްދޭން އެދި ފޮނުވާފައި ވަނީ ހޯރަފުށީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި ނައިބް ރައީސް އަހުމަދު އިމްދާހު އާއި އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި އަހުމަދު ރައޫފާއި މަރިޔަމް ވަކީލާ އަދި އާމިނަތު ވިސާމާ އާއި އާމިނަތު ނާސިހާގެ މައްޗަށެވެ.

އޭސީސީން އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާގަ އެވެ. 

ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން 8 މައްސަލައެއް ބަލައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކައުންސިލުގެ ރައީސްގެ މަގާމުން ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑު ވެސް ކުރި އެވެ. 

އެމްޑީޕީގެ ކައުންސިލެއް އޮތް އެ ރަށުން ގަވާއިދާ ހިލާފަށް ބިން ދޫކުރުމުގެ އިތުރުން ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ހަރަދު ކޮށްފައި ވުމާއި ރަށުގެ ގޯތިތަކާ އިންވެގެން އޮންނަ ހުސް ބިންތައް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް އެ ގޯތިތަކަށް އިތުރު ކޮށްދިނުމާއި މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ގައި ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ ހިމެނެ އެވެ.

މިދިޔަ އަހަރުގެ އަޟްހާ އީދު ކުޅިވަރާއި ސްޓޭޖު ލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހޯރަފުށި ކައުންސިލުން ހަރަދު ކުރި މައްސަލަ އާއި ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ވެސް އޭސީސީން ބެލި އެވެ.

އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ކައުންސިލުން ނުދޭ މައްސަލަ އާއި އީދަށް ރަށުތެރެ ދިއްލައި، ޒީނަތްތެރި ކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓް ކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާ ކަމާއި އަދި އެ ތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ ވެސް ބެލި އެވެ.