ގަވާއިދާ ޚިލާފަށް ލައިސަންސް ދިން މައްސަލައެއްގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ދެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ގަވާއިދާ ޚިލާފަށް ދެ މީހަކަށް ހައްދައިދިން މައްސަލައެއްގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ދެ ވެރިއަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ސިޓީއެއްގެ ދަރަޖަ ލިބުމާ އެކު އުވާލާފައިވާ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރާއި އެސިސްޓެންޓް ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވީ ލައިސެންސަށް އެދި ހުށަހެޅި ދެ ފަރާތް ވެސް ފުލުހުން ޖޫރިމަނާކޮށް، ޖޫރިމަނާ ނުދައްކައި އޮއްވައި ލައިސަންސް ހައްދައި ދިނުމުންނެވެ.

އޭސީސީން ބުނީ މާޗް، 2015 ގައި ލައިސެންސަށް އެދި ހުށަހެޅި ދެ މީހެއްގެ ފޯމުގައި، 40،000ރ. ގެ ޖޫރިމަނާއެއް ނުދައްކައި އޮތް ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ސްޓޭމްޕް ޖަހާފައި އޮއްވައި، އެ ޖޫރިމަނާ ނުދައްކަނީސް އެ ދެ ފޯމު ބަލައިގަނެ އެ ދެ މީހުންނަށް ލައިސަންސް ހަދައި ދީފައިވާ ކަމަށެވެ. އެއީ ލައިސަންސް ދޫކުރުމުގެ ގަވާއިދާ ޚިލާފް ކަމެއް ކަމަށް އޭސީސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުން ޖޫރިމަނާ ނުދައްކަނީސް ލައިސަންސް ހަދައި ދިނީ ޑިރެކްޓަރުގެ އެންގެވުމަކަށެވެ. އަދި އެ ދެ ފޯމްގައި ހުއްދަ ދެއްވި ކަމަށް ސޮއިކުރެއްވި އެސިސެންޓެންޓް ޑިރެކްޓަރު އެކަން ކުރެއްވީ ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވައި ކަމަށް އޭސީން ބުންޏެވެ.

އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ އެ ދެ މީހުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ ކުރުމަށާއި 40،000ރ. އެ ދެ މީހުން އަތުން ހޯދުމަށް އެދި އެވެ.