އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ޑޮލަރުގެ މުއާމަލާތްތައް ކުރަން ގެންގުޅުނު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއިލީ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ހިންގި ތަހުގީގަށް ފާހަގަކުރެވިފައިވަނީ، އޭސީސީން ބުނި ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، އަދީބު މެދުވެރިކޮށް މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
އަދި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެ ދުވަސްވަރު މޮންޓިލިއަން ކުންފުނި ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެހެންވެ މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރުމާ އެކު އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މިހާރު އެ ކުންފުނި އޮތީ އުވާލުމުގެ މަރުހަލާގަ އެވެ.
ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާގެ ކޮރަޕްޝަން ވަނީ ހިންގައިފަ އެވެ. އެ ކޮރަޕްޝަންގައި އެންމެ ބޮޑު ތުހުމަތެއް އޮތް ތިން ކުންފުންޏަކީ އެސްއޯއެފް އާއި މިލޭނިއަލް ކެޕިޓަލް އާއި މޮންޓިލިއަން އިންޓަނޭޝަނަލް އެވެ. އެ ތިން ކުންފުންޏަށް ޑޮލަރު ވިއްކައިގެން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ތިން ކުންފުނީގެ މައްޗަށް ވެސް ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އެސްއޯއެފަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް މީހެއް ކަމަށްވާ، މ. ސެސްނާ އައްލާމް މުހައްމަދު ލަތީފް (މޮހޯ) ގެ ކުންފުންޏެކެވެ. މިލޭނިއަލް ކެޕިޓަލަކީ އަދީބުގެ ބޮޑު ބޭބެ ހާމިދު އިސްމާއިލްގެ ކުންފުންޏެކެވެ. މޮންޓިލިއަމް އިންޓަނޭޝަނަލަކީ އަދީބުގެ އާއިލީ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.