މާލޭ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅައިގެން އެތައް އިރަކު ހުންނައިރު ވެސް ފޯނަށް ޖަވާބު ނުދޭ މައްސަލަ ބޮޑުވެފައިވާއިރު، ހަމައެެކަނި ޓެކްސީ ސެންޓަރަށް ދުވާލަކު 58،000 ކޯލު ލިބޭ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ޓެކްސީ ލައިނުގެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޓެކްސީ ލައިންގެ ހޮޓްލައިން ނަމްބަރު 1،655 ތައާރަފުކޮށް ހަފުތާއަކަށް އެ ހިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އެކަމަކު، ހިދުމަތް ތައާރަފުކުރިތާ ހަފުތާއަކާ ގާތްވެފައިވާއިރު ޝަކުވާތައް ވަނީ ފުނިޖެހިފަ އެވެ. ހޮޓްލައިނަށް ޖަވާބު ނުދިނުމާއި ހޮޓްލައިން ނަމްބަރު ބިޒީ ވެފައި އެތައް އިރެއް ވާއިރު ހުރުން ފަދަ އެތައް ކަމެކެވެ.
ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާ މީހުން ބުނާ ގޮތުގައި ހޮޓްލައިނަށް ގުޅައިގެން 30 މިނިޓު ވާއިރު ވެސް ފޯނު ނުނެގުމާއި ކާރު ނުލިބޭ މައްސަލަ ބޮޑެވެ. އެއީ ހިލޭ ގުޅޭ ނަމްބަރަކަށް ނުވާތީ އެހާއިރު ކާރެއް ލިބޭތޯ ކިޔުގައި ހުންނަން ޖެހުމުން ކާރެއް ނުލިބުނަސް ފައިސާ ދާކަމަށް ބުނެ މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ.
މާލޭ ޓެކްސީ ހިދުމަތަށް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެޕްގައި ގިނަ މައްސަލަތަކެއް ހުރުމުން އެޕް ޑައުންކޮށް، މިހާރު ކާރު ހޯދަން ޖެހެނީ ހޮޓްލައިނަށް ގުޅައިގެންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު" އިން މިއަދު ގުޅުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވެސް އެކަމަށް އެއްބަސްވެވަޑައިގަތެވެ. ޝަކުވާތައް ވަރަށް ގިނަ އެވެ. އެކަމަކު މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ޓެކްނިކަލް ބައެއް ގޮންޖެހުންތައް އެއީ މައިގަނޑު އެއް ސބަބު ކަމަށް ސައުދީ ވިދާޅުވި އެވެ.
މާލެ ޓެކްސީގެ ކާރު ހޯދުމަށް ދުވާލެއްގެ މައްޗަށް 58،000 އެއްހާ ކޯލު ލިބޭކަން ފާހަގަކުރައްވަމުން ސައުދީ ވިދާޅުވީ އެހާ ގިނަ ކޯލު ލިބެނީ އެ ހިދުމަތް މިވަގުތަށް ހިލޭ އޮތުމުން ކަމަށް ވެސް ވެދާނެ ކަމަށެވެ.
"ކޯލް ސެންޓަރު ވެސް އޮޕަރޭޓްކުރަން ބަލާއިރު ދުވާލެއްގެ މައްޗަށް އެބަ އާދޭ 58،000 ކޯލު. އެއީ ވެދާނެ [މި ދުވަސްކޮޅު] ފްރީވީމަ ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވި ގޮތުގައި، އެހެންވެ، ކޯލް ސެންޓަރުގެ އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ޓެކްސީގައި ހިލޭ ދަތުރުކުރުކުރުމަށް ދީފައިވާ މުއްދަތު މިރެއަށް ހަމަވާނެ އެވެ. އެހެންވެ، އެ ގަޑި ހަމަވުމުގެ ކުރިން ވެބް އެޕްލިކޭޝަން ޓެސްޓިން ފޭސްއެއްގައި ލޯންޗު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސައުދީ ވިދާޅުވި އެވެ. މިވަގުތު ކުރަނީ އެޕްގެ ސެކިއުރިޓީއާ ގުޅޭ މަސައްކަތްތަކެކެވެ.
"މިރޭ މިއީ ޑެޑްލައިން [ހިލޭ ދަތުރުކުރުމަށް ދީފައިވާ]. ޑެޑްލައިނަށް ވާން ވާއިރަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވެބްގެ ޓެސްޓިން ލޯންޗު ކުރަން. ސެކިއުރިޓީ އެސެސް ކުރަމުން މިދަނީ. މިރޭ ސުންގަޑި ސުންމިނެޓަށް ވާއިރަށް ސެކިއުރިޓީ ގޮތުން ނަގަންޖެހޭ މެޝާސްތައް ނަގަމުން މިދަނީ،" އެމްޑީ ވިދާޅުވި އެވެ.
ޓެކްސީ އެޕާ ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއްކޮށް، ބުނެފައިވާ ގޮތުގައި އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި އެ މުއާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވިޔަސް ސައުދީ ވިދާޅުވީ ޓެކްސީ އެޕްގެ މަސައްކަތުގެ އަގަކީ ދެ މިލިއަން ރުފިޔާ ކަމަށެވެ.
ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ މައްސަލަ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައިވެ އެވެ.