ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެެއާމަން މުހައްމަދު އަފީފް ހުސެއިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

އަފީފަކީ މި ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ތިންވަނަ ފަރާތެވެ.

ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. 

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ. 

އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތައް ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ހިމެނެ އެވެ.

އެ މަގާމުތަކުގައި އޭނާ ވަނީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. މަސައްކަތުގެ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގަތީ ފެނާއި ނަރުދަމާގެ ހިދުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ކަރަންޓުގެ ހިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމުގައި ހިދުމަތް ކުރެއްވި އެވެ. 

ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަފީފަކީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އަފީފް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފަ އެވެ. އޭނާއަކީ "ބެލެންސްޑް ސްކޯކާޑް" އަދި "ރިސްކް މެނޭޖްމަންޓް"ގެ ދާއިރާއިން ފަންނީ ސަނަދު ހާސިލުކުރައްވާފައިވާ، އިދާރީ ހިންގުމާއި އިސްތިރާތީޖީ ކުރިއެރުމާއި މުއައްސަސާތައް ބެލެހެއްޓުމުގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފެނަކައަށް އާ އެމްޑީއެއް މި އައްޔަންކުރީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ ހަވަނަ ދުވަހު ވަކިކުރެއްވުމުންނެވެ. ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.