އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ދައުލަތުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް ލަމްއާން އައްޔަން ކުރާށެވެ. މިހާރު ކުރިއަށް ދަނީ އެކަމާ ގުޅޭ އިދާރީ ކަންކަން ކަމަށް އެނގިފައި ވެ އެވެ.
ލަމްއާން އިސްތިއުފާ ދެއްވުމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.
މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރެއްވީ ފެބްރުއަރީ 1، 2024 ގަ އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ހިމެނެ އެވެ.