ވިލާ ކޮލެޖުގެ މި އަހަރުގެ އޯޕަން ޑޭ "ވިލާ ކޮލެޖް ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026"ގެ ނަމުގައި އަންނަ ހަފުތާގެ ބަންދުގައި ބޭއްވުމަށް ނިންމައިފި އެވެ.
އެ ކޮލެޖުގައި އޮންނަ ތައުލީމީ ފުރުސަތުތަކުގެ މައުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ މި ހަރަކާތް މި އަހަރު ބާއްވަނީ ޕޮޕްކަލްޗާ، ގޭމިން އަދި ކޮސްޕްލޭ ކުޅިވަރުތައް ހިމެނޭ ފެސްޓިވަލެއް ގޮތަށެވެ.
ވިލާ ކޮލެޖުގެ އޯޕަންޑޭ ބާއްވާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 އަށް އެ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.
މިއީ މިހާތަނަށް ވިލާ ކޮލެޖުން މިފަދަ ގޮތަކަށް އިންތިޒާމުކުރާ އެންމެ ބޮޑު ހަރަކާތް ކަމަށް އެ ކޮލެޖުން ފާހަގަ ކުރެ އެވެ. ދެ ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި ވިލާ ކޮލެޖާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ފެސްޓިވަލުގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި އޮންނާނީ "ކެމްޕަސް ކުއެސްޓް" އެވެ. މި ކުއެސްޓުގައި ބައިވެރިވުމަށް ހާއްސަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީވުމުން، ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް "ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް" ދޫކުރާނެ އެވެ.
މި ފެސްޓިވަލުގައި ވިލާ ކޮލެޖުގެ ފެކަލްޓީތަކާއި ޑިޕާޓްމަންޓްތައް ޕޮޕް ކަލްޗާގެ ތަފާތު ތީމްތަކަށް ބަދަލުކޮށް، ޒޯންތަކެއްގެ ގޮތަށް ފަރުމާކޮށްފައި ހުންނާނެ އެވެ. ކޮންމެ ޒޯނެއްގައި ވެސް އެ ތީމާ ގުޅޭ ޝައުގުވެރި ޗެލެންޖުތަކާއި ހަރަކާތްތައް އޮންނާނެ އެވެ. އަދި ކޮންމެ ޒޯނަކުން ވެސް ދޭ ޗެލެންޖެއް ފުރިހަމަކުރުމަށް ފަހު، ކިއުއާރް ކޯޑު ސްކޭން ކުރުމުން ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެ އެވެ. އެގޮތުން ހުރިހާ ޒޯނަކުން ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށް ގްރޭންޑް ޕްރައިޒް ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ފޯރިގަދަ ހަރަކާތުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މެއިން ސްޓޭޖުގައި ބާއްވާ "ކޮސްޕްލޭ ރޭމްޕްވޯކް ކޮމްޕެޓިޝަން" ހިމެނެ އެވެ. މިއީ އެކި ޕޮޕް ކަލްޗާ ކެރެކްޓާތަކުގެ ކޮސްޓިއުމްތަކާއެކު ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތުގައި ހުށަހެޅުމުގެ ފެންވަރާއި ފަރުމާކުރުމަށް ކުރުމުގެ ހުނަރުތަކަށް ބަލައި އެންމެ މޮޅު ތިން ބައިވެރިންނަށް އެލް މޮބައިލްއުން ހުށަހަޅާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފެސްޓިވަލުގައި މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތަކުގެ ގޮތުގައި ލައިވް މިއުޒިކާއި ދަރިވަރުންގެ ޓެލެންޓް ޝޯ އަދި އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފަ އެވެ. އަދި ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން، ދިރާގު ގޭމަސް ގިލްޑްއާ ގުޅިގެން ހާއްސަ "ގޭމިން އެންޑް އީ-ސްޕޯޓްސް ޒޯން"އެއް ވެސް މި ފެސްޓިވަލުގައި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ. މި ޒޯނުގައި ޕީއެސް 5 ސްޓޭޝަންތަކާއި ކެޝުއަލް ގޭމިން ސްޓޭޝަންތަކާއި ރޭސިން ސިމިއުލޭޝަން އަދި ވީއާރް ތަޖުރިބާކުރެވެން ހުންނާނެ އެވެެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ލުއި ކެއިންބުއިމުގެ އިންތިޒާމުތައް "ފުޑް ސްޓޯލް ޒޯން"އިން ލިބެން ހުންނާނެއެވެ. މި ޒޯނުގައި ތަފާތު ޑެޒާޓްތަކާއި، އޭޝިއަން ކުއިޒިން، ސްޕެޝަލްޓީ ކޮފީ، ޖަޕަނީޒް ސްޓްރީޓް ފުޑް އަދި އެކި ބާވަތުގެ ސްނެކްސް ލިބެން ހުންނާނެ އެވެ.
މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ ވިލާ ކޮލެޖުގެ އޯޕަން ޑޭގައި ތައުލީމީ ފުރުސަތުތަކަށް ވެސް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. އެގޮތުން، ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ މީހުންނަށް މި ހަރަކާތް ކުރިއަށް ގެންދާ ވަގުތުތަކުގައި ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ބުންޏެވެ. އަދި ކޯސްތަކަށް އެދި ހުށަހަޅާ މީހުންނަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކުރުމާއި ވަގުތުން ކޯހަށް ރަޖިސްޓަރީވުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ސްކްރީނިން އަދި ކެރިއާ ގައިޑެންސް ދިނުމުގެ ހިދުމަތް ވެސް އެ ހަރަކާތުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ބުންޏެވެ.
މި ހަރަކާތް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4އިން ރޭގަނޑު 10އަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.