މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓާ ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް "ގްލޯބަލް ދުކާން" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ތަފާތު އެކި އީކޮމާސް ޕްލެޓްފޯމުތައް ހިމެނޭ މި މާކެޓްޕްލޭސްގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ އީކޮމާސް ޕްލެޓްފޯމުތައް ހުރެ އެވެ. މި ޕްލެޓްފޯމުތައް މެދުވެރިކޮށް ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓުތަކާއި އިލެޓްރިކް އަދި އިލްޓްރޯނިކް އެކްސެސަރީސް އާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ބިއުޓީ އެންޑް ވެލްނެސް ޕްރޮޑަކްޓުތައް ފަދަ ތަފާތު އެކި ޕްރޮޑަކްޓުތައް ގަނެވޭނެ އެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ މިހާރު ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަކޮށްދޭނެ ކަމަށެވެ.
މި މާކޭޓްޕްލޭސް ބޭނުންކުރުމަށް ޕްލޭސްޓޯ ނުވަތަ އެޕްސްޓޯރުން ގްލޯބަލް ދުކާން ޑައުންލޯޑްކޮށްގެން ނުވަތަ ގްލޯބަލް ދުކާންގެ ވެބްސައިޓް މެދުވެރިކޮށް ސައިންއަޕްވެ، ލޮގިންވެގެން ބޭނުން ކުރެވޭނެ އެވެ. މި ޕްލެޓްފޯމަށް ލޮގިންވުމުން އެޕްގެ ހޯމް ސްކްރީނުން އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެ އެވެ.
ގްލޯބަލް ދުކާން މާކެޓް ޕްލޭސްގެ ތެރެއިން ބޭނުންވާ ޕްލެޓްފޯމެެއް ހިޔާރުކުރުމުން އެ ޕްލެޓްފޯމަކުން ވިޔަފާރިކުރެ ވޭނެ އެވެ. މި މާކެޓްޕްލޭސްގައި ހިމެނޭ ކޮންމެ ޕްލެޓްފޯމަކުން ވެސް ބޭނުންވާ އައިޓަމް ހިޔާރުކުރުމަށް ފަހު "ޝޮޕް ވިއާ ގްލޯބަލް ދުކާން" ހިޔާރުކުރުމުން ކާޓަށް އެ އައިޓަމް ލެވޭނެ އެވެ. މި މާކެޓްޕްލޭސްގެ އެކި ވެބްސައިޓްތަކުން އައިޓަމްތައް ކާޓަށް ލުމަށް ފަހު، އެއްކޮށް ފައިސާ ދެއްކޭނެ އެވެ.
ގްލޯބަލް ދުކާން އަކީ މަޝްހޫރު، އިތުބާރު ހުރި އިންޑިއާގެ މާކެޓްޕްލޭސް ޕްލެޓްފޯމެއް ކަމަށް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓުން އަންނަނީ ދިވެހިންނަށް އޮންލައިންކޮށް ވިޔަފާރިކުރެވޭނެ ފަސޭހަ މަގުތައް ތަނަވަސްކޮށްދެމުންނެވެ.