މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.
މިރޭގެ ޖަލްސާގައި 263 މެމްބަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 87 މެމްބަރުން ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި އިރު 176 މެމްބަރުން ވަނީ ޖަލްސާ އޮތް ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް އަށް ހާޒިރުވެ ބައިވެރިވެފަ އެވެ.
މިއީ 25 އަހަރު ކުރިން ހިއްސާ ވިއްކައި ޕަބްލިކް ކުންފުންޏަކަށް ބަދަލުވި އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ. އަދި މިއީ އެ ކުންފުނިން މިދިޔަ އަހަރު ބެހި 80ރ. އަށް ވުރެ 5ރ. އިތުރު އަދަދެކެވެ.
އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން އަމާޒުހިފާފައި ވަނީ އާ ވިޔަފާރިތަކުން ހޯދާ އާމްދަނީ 5 ޕަސެންޓަށްވުރެ އިތުރުކޮށް، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު، ސާފު ފައިދާ އެއް ބިލިއަނަށް އިތުރުކުރަން ކަމަށެވެ. މިހާރު ކުންފުނީގެ ކުރިއެރުން ހުރި ގޮތަށް ބަލާއިރު، މި އަމާޒަށް އޭގެ ކުރިން ވެސް ވާސިލްވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ.