ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން(އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ އެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި، ތަރައްގީ ކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.  

ބީއެމްއެލްއިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނާޝިޕް ގާއިމްކުރީ 2022 ވަނަ އަހަރު އެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކުރި އެވެ. 

ބީއެމްއެލްއިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް މެދުވެރިކޮށް، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަޝިޕް" ޕްރޮގްރާމެއް ވެސް ބީއެމްއެލްއިން ހިންގަ އެވެ. އަދި އެ ސްކޮލަޝިޕް އެންމެފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތުލީޓަކަށެވެ. އަދި ސްކޮލަޝިޕްގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ އާއި ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަ ކުރާނެ އެވެ.