ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބެންކް ފަންޑްގެ އެހީގައި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި އެވެ.
އެ ޖަމްއިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ކްލާސް ރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިން ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ސްކޫލުގައި ގާއިމްކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. އަދި އެ ސްޓޫޑިއޯގައި ދަރިވަރުންނަށް ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީ ކޮށްދީފައެވެ. އަދި އެތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، އެތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓްވެސް ހިމަނައިގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، އެތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނުތައް ވެސް ފޯރުކޮށްދީގެންނެވެ.
ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމްއިއްޔާތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. އެ ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ. ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.