އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ ދިރާސީ އާ އަހަރުގައި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް އެކެއްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. 

އެ ދެ ސްކޫލުގެ އެޑްމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ދެ ސްކޫލުގެ ވެބްސައިޓް މެދުވެރިކޮށެވެ. 

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކްލާހުގައި ދަރިވަރުންތަކެއް ކިޔަވަނީ --- ފޮޓޯ/ބިލަބޮންގް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކްލާހުގައި ދަރިވަރުންތަކެއް ކިޔަވަނީ --- ފޮޓޯ/ބިލަބޮންގް

މާލޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލް ވެސް ހިންގާ އިމާރާތުގައި 2019 އަހަރުން ފެށިގެން ހިންގަމުންދާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޓޯނީ ކޯޓްލައިނަން ވިދާޅުވީ އެ ސްކޫލުގެ ބެލެނިވެރިންނަށް އެންމެ ކަމުދާ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ އެއްގޮތަށް އެ ސްކޫލްގެ ކޯކަރިކިއުލަމް ބަދަލުކޮށްފައިވާތީ ކަމަށެވެ. އަދި އެ ސްކޫލަށް އޮންނަ ޑިމާންޑު ބޮޑުވެ، ބެލެނިވެރިންގެ ތަރުހީބު ލިބޭ އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ކަރިކިއުލަމާއި ކިޔަވައިދިނުން ބައްޓަންވެފައި އޮންނަނީ މައުލޫމާތު ހިތުދަސް ކުރުވުމަށް ވުރެ ބޮޑަށް ދަރިވަރުން އެންމެ ތުއްތުއިރުންސުރެ ދަރިވަރުން އަމިއްލައަށް ވިސްނާ ދިރާސާކޮށްގެން މައުލޫމާތާއި ކަންކަން ހިނގާ ގޮތް ދަސްކޮށްދީ، އެ ކުއްޖެއްގެ ކިޔެވުމުގެ ފުރިހަމަ ޒިންމާ އެ ކުއްޖަކު އަމިއްލައަށް ނެގުމަށް." ޓޯނީ ވިދާޅުވި އެވެ. 

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކްރާފްޓް ކްލާހުގައި --- ފޮޓޯ/ބިލަބޮންގް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކްރާފްޓް ކްލާހުގައި --- ފޮޓޯ/ބިލަބޮންގް

ޓޯނީ ވިދާޅުވީ އެ ސްކޫލުގައި ވާދަވެރިކަމުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހުންނަ ހާއްސަ ހުނަރެއް ދެނެގަނެ، އެކަން ތަރައްގީކުރުމަށް މަސައްކަތްކޮށްދީ، ކޮންމެ ކަމެއްގައި ވެސް އެކުއްޖެއްގެ ބައިވެރިވުން އިތުރުކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި އާއްމުކޮށް ކިޔަވައިދޭ މާއްދާތަކުގެ އިތުރަށް އެ ސްކޫލްގައި ވަޑާމުގެ ތަފާތު އާލާތްތަކާއެކު ގާއިމްކޮށްފައިވާ ކްރާފްޓް ރޫމްގައި ހިންގާ ކްރާފްޓް ކްލާސް އަދި ހޯމް އިކޮނޮމިކްސް ކްލާހަކީ ވެސް ދަރިވަރުންގެ މެދުގައި މަގުބޫލު ކްލާސްތަކެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކާ÷ެންޓްރީ ކްލާސް ކުރިއަށް ދަނީ --- ފޮޓޯ/ބިލަންބޮންގް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކާ÷ެންޓްރީ ކްލާސް ކުރިއަށް ދަނީ --- ފޮޓޯ/ބިލަންބޮންގް

ފިންލެންޑް ސްކޫލުގެ އިތުރުން މިހާރު ގްރޭޑް އެކެއްގެ އެޑްމިޝަނަށް ހުޅުވާލާފައިވާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަކީ ވެސް ގިނަ ބެލެނިވެރިންތަކެއްގެ މެދުގައި މަގުބޫލު ސްކޫލެކެވެ. 

އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ވިދާޅުވީ އެ ސްކޫލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްކޫލްގެ ޒަމާންވީ ކަރިކިއުލަމް ކަމަށެވެ. 

"އަޅުގަނޑުމެންގެ ސްކޫލަށް ގްރޭޑް 1 އަށް ވަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަކީ ކެންގަރޫ ކިޑްސް ޕްރީސްކޫލް ނިންމުމަށްފަހު ވަންނަ ދަރިވަރުން. އެގޮތުން، ޕްރީސްކޫލުން ފައްޓާ ކަރިކިއުލަމް ހުއްޓުމެއް ނެތި ޕްރައިމަރީގައި ވެސް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތަކީ ގިނަ ބެލެނިވެރިން ފާހަގަކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ. 

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކަކާއި އެކު ޓީޗަރެއް --- ފޮޓޯ/ބިލަބޮންގް
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކަކާއި އެކު ޓީޗަރެއް --- ފޮޓޯ/ބިލަބޮންގް

ޝަހީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިހާރު އެސްކޭޖީގައި ކިޔަވަމުންދާ ދަރިވަރުން ގްރޭޑް 1 އަލަށް ފަށައިގަންނައިރު އުނގެނުމުގެ އަސާސީ ހުނަރުތައް ތަރައްގީ ކުރުމަށް ސްކޫލުން ހާއްސަ ސަމާލުކަމެއް ދަނީ ދެމުންނެވެ. 

"ދިމާވާ ކޮންމެ އުނދަގޫ ހާލަތެއްގައި ވެސް، ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ތައުލީމު ލިބިދިނުމުގެ ހައްގަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭނެ ކަންތައް. އެގޮތުން ސްކޫލުގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ އިޖުތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ހަރަކާތްތަކެއްގެ ތެރެއިން އުނގެނުން ބައްޓަންކުރުމަށް އަޅުގަނޑުމެން އަބަދުވެސް ސަމާލުކަން ދެން." ޝަހީމް ވިދާޅުވި އެވެ.

ފިންލެންޑް ސްކޫލާއި ބިލަބޮންގް ސްކޫލުން ބުނީ ކޮންމެ އަހަރަކު ވެސް އެސްކޭޖީ ނިންމާ ގިނަ އަދަދެއްގެ ދަރިވަރުން، ގްރޭޑް 1 އަށް ވެއްދުމުގައި ޖާގައިގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އަވަހަށް އެ އެޕްލައި ކުރާ ފަރާތްތަކަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް އެ ދެ ސްކޫލުން ބުންޏެވެ. 

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ގެ އެޑްމިޝަނާގުޅޭ ހުރިހާ މައުލޫމާތުތައް އެ ސްކޫލްތަކުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.