ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަން ފަށާފައިވާ ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ ކެމްޕަސް މިއަހަރު ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހު އެތަނުގައި ކިޔަވައިދޭން ފަށާނެކަން އިއުލާންކޮށްފި އެވެ.
އެ ދެ ސްކޫލް ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެކަން އިއުލާންކުރީ އިއްޔެ އެ ކެމްޕަހުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި އެ ކެމްޕަހުގެ ބިންގާ އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ލައިޓް ހައުސް ލާނިން ގްރޫޕުގެ ސީއީއޯ ޕްރަޖޯދް ރާޖަން އާއި އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުއްރަޝީދެވެ.
އެ ރަސްމިއްޔާތުގައި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ގިނަ ސްކޫލްތަކެއް ހުޅުވުމުގެ ބަދަލުގައި ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކޮށް، އެ ދާއިރާއަށް ބޭނުންވާ ބަދަލުތައް ގެނައުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގައި ދެމި ތިބުން ކަމަށެވެ.
އެގޮތުން އެ ކުންފުނިން ސަރުކާރުތަކާއި ގުޅިގެން، އަބަދުވެސް މަސައްކަތް ކޮށްފައި ވާނީ ރާއްޖެއަށް ފެންވަރު ރަނގަޅު އަދި ތަފާތު، އިންކްލޫސިވް ތައުލީމު ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލާއި ކެންގަރޫ ކިޑްސްގެ ހުޅުމާލެ ކެމްޕަސް ތަރައްގީކުރަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ. ކެންގަރޫ ކިޑްސް އަދި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ހުޅުމާލެ ކެމްޕަހުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ އޮޕަރޭޝަނާއި ހަވާލުވުމުގެ އެއްބަސްވުމުގައި އައިލެންޑާސް އެޑިއުކޭޝަނާއި ލައިޓްހައުސް އެޑިއުކޭޝަންއިން ވަނީ ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ލައިޓް ހައުސް ލާނިން ގްރޫޕުގެ ސީއީއޯ ޕްރަޖޯދް ވިދާޅުވީ އެ ކެމްޕަހާ އެކު ތައުލީމީ ދާއިރާއިން ހުޅުމާލެ އިތުރު ހަރުފަތަކަށް ދާނެ ކަމަށެވެ. އަދި އެ ކެމްޕަހަކީ ވެސް ދަރިވަރުންނަށް ބޭނުންވާ އިލްމު އުގަންނައިދީ އަދި އެ ކުދިންގެ ފެންވަރު ވަޒަންކޮށް، ކާމިޔާބު ކުދިންތަކެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކެމްޕަހަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ވިދާޅުވީ އެތަނަކީ ދަރިވަރުން ތަރައްގީވުމުގެ އާ ފުރުސަތުތަކެއް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ. އަދި ހުޅުމާލެއިން ގިނަ ދަރިވަރުންތަކެއް ދުރު ދަތުރެއް ކޮށްގެން މާލެއަށް އަންނައިރު، އެއީ އެ ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެން ދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ ތަރައްގީ ކުރުމުގައި އައިލެންޑާސް އެޑިއުކޭޝަން ފަދަ ޕްރައިވެޓް ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި ހަދާ އެ ކެމްޕަސްގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ ޕްރީ ސްކޫޕް ޕްރޮގްރާމްތަކާއެކު އަންނަ ޖެނުއަރީ މަހު އެވެ. އަދި އަންނަ އަހަރު އެތަނުގައި ގްރޭޑް 1 އަދި ގްރޭޑް 2 ގެ ކްލާސްތައް ފެށުމުގެ ވިސްނުން ވެސް ގެންގުޅެމުންދާ ކަމަށާއި އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް ވެސް ބިލަބޮންގުން ބުންޏެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ބުނީ އެ ސްކޫލްގައި ކޮންމެ އަހަރަކު އާ ގްރޭޑް ލެވަލްއެއް ތައާރަފްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ސްކޫލްގެ ވައިބާ ކޮމިއުނިޓީއިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.