އަންނަ ދިރާސީ އަހަރު ހުޅުވަން ތައްޔާރުވަމުން އަންނަ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ގެ ހުޅުމާލެ 2ގެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ޕްރީ ސްކޫލްގެ ހުރިހާ ގްރޭޑުތަކަކާއި ގްރޭޑް 1 އަދި 2 އަށް ކަމަށް އެ ސްކޫލުން އިއުލާނުކޮށްފި އެވެ.

 އެ ސްކޫލުން ބުނީ،  މާލޭގައި ހުންނަ ކެންގަރޫ ކިޑްސްގައި ކިޔަވައިދޭ ހުރިހާ ގްރޭޑެއްގައި ވެސް ހުޅުމާލެ ސްކޫލްގައި ކިޔަވައިދޭނެ ކަމަށެވެ. އެގޮތުން އުމުރުން 18 މަހާއި ދެ އަހަރުގެ އުމުރުފުރާގެ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޓޮޑްލާ ޓްރާންސިޝަން ޕްރޮގްރާމް (ޓީޓީޕީ) އިން ފެށިގެން ޕްލޭސްކޫލް، ނާސަރީ، ޖޫނިއާ ކިންޑަގާޓަން (ޖޭކޭޖީ) އަދި ސީނިއާ ކިންޑަގާޓަން (އެސްކޭޖީ) ހިމެނޭ ގޮތަށް ޕްރީސްކޫލްގެ ފަސް ގްރޭޑްގައި ކިޔަވައިދޭނެ އެވެ. 

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.
ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.

އެ ސްކޫލްގައި ބިލަބޮންގް ހައި ގެ ގްރޭޑް 1 އާއި 2 އަށް ވެސް ކިޔަވައިދޭނެ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ގްރޭޑްތަކުގައި ކިޔަވައިދޭން ފަށައި، ގްރޭޑް 12 އާ ހަމައަށް އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. 

ހުޅުމާލޭގައި ހުޅުވާ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ސްކޫލްގައި އަންނަ އަހަރު ފަށާއިރު ކްލާސްތަކާއި އޮފީސް އިމާރާތްތަކުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް އެ ސްކޫލުން ބުންޏެވެ.

މުޅި ސްކޫލް އިމާރާތް ނިންމުމަށް ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. 

ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައިގެ ހުޅުމާލެ ސްކޫލަކީ އައިލަންޑާސް އެޑިއުކޭޝަނުން އިމާރާތްކުރާ ސްކޫލެކެވެ. އެ ސްކޫލް ހިންގަން ހަމަޖެހިފައި ވަނީ މިހާރު ވެސް މާލޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަދި ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް ވެސް ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ސްކޫލްގެ ޕްރިންސިޕަލްގެ ގެ މަގާމު އަދާކުރައްވާނީ މާލޭގެ ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހްމީނާ އެވެ.

އަލަށް ހުޅުވާ އެ ސްކޫލްގެ ޕްރިންސިޕަލް ތަހުމީނާ ވިދާޅުވީ ހުޅުމާލޭގެ ސްކޫލާއި މާލޭގައި ހިންގާ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަކީ ގުޅުން ބަދަހިކޮށް އެކު އެކީ ހިންގާނެ ސްކޫލްތަކެއް ކަމަށެވެ. މާލޭގެ ސްކޫލްގައި ލިބެން ހުރި ހުރިހާ ފުރުސަތުތަކެއް، ހުޅުމާލޭގެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ނިސްބަތަށް ބަލައި ތައާރަފްކުރާނެ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަކީ އަބަދުވެސް އަޅުގަނޑުމެންގެ ސްކޫލް ކޮމިއުނިޓީން ބޭނުންވާ ކަންކަން އަޑުއަހައި، އެ ކަންކަން އަޅުގަނޑުމެންގެ ސްކޫލްތަކުގައި ތައާރަފުކުރަން މަސައްކަތްކުރާ ބައެއް. މާލޭގައި އަޅުގަނޑުމެންގެ ސްކޫލްތަކުގައި ހިންގާ ކުޅިވަރުގެ ހަރަކާތްތަކާއި ކްލަބްތަކާއި އަދި މި ނޫން ވެސް ހަރާކާތްތައް ހުޅުމާލޭ ސްކޫލްގައި ވެސް ތައާރަފް ކުރެވޭނެ،" ތަހުމީނާ ވިދާޅުވި އެވެ.

"ބެލެނިވެރިން އެކަމަށް އެދޭ ނަމަ އިތުރު ކަންކަން ވެސް ތައާރަފު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް."

ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ސްކޫލުން ޖާގަ ހޯދަން ބޭނުންވާ ދަރިވަރުން ޕްރީރަޖިސްޓަރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެ ސްކޫލުން ބުނީ ޕްރީ ރެޖިސްޓްރޭޝަނަށް ހޫނު ތަރުހީބެއް ލިބެމުން އަންނައިރު، ދަރިވަރުންނަށް އެޑްމިޝަން ދިނުމުގައި، ޕްރީ  ރަޖިސްޓްރޭޝަންގެ ތަރުތީބަށް އިސްކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ، ސްކޫލުން ފުރުސަތު ހޯދުމަށް އަވަހަށް ޕްރީ ރަޖިސްޓަރީކުރުން މުހިންމު ކަމަށް އެ ސްކޫލުން ބުންޏެވެ. 

ކެންގަރޫ ކިޑްސް އާއި ބިލަބޮންގް ހައި ސްކޫލް ހުޅުމާލޭގެ ޕްރީ ރަޖިސްޓްރޭޝަނުގެ މައުލޫމާތު އެ ސްކޫލްގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.