މިދިޔަ މާޗް މަހު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އޭގެ ކުރީ މަހާ އަޅާބަލާއިރު 5.5 ޕަސެންޓް ދަށްވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މާޗް މަހު ރާއްޖޭގެ ޖީޑީޕީ ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ. ފެބްރުއަރީ މަހުގެ ޖީޑީޕީ ހުރީ 9.6 ބިލިއަން ރުފިޔާގަ އެވެ.

ޖީޑީޕީ ދަށްވެފައިވާ އިރު، މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު މާޗް މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މާޗް އަދި އޭފްރީލް މަހު ރާއްޖެއަށް ޓޫރިސްޓުން އައި ވަރު ވަނީ 20-25 ޕަސެންޓަށް ދަށްވެފަ އެވެ. އަދި މި މަހުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 8.4 ޕަސެންޓަށް ދަށްވެފަ އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި އެންމެ ބޮޑަށް ހިއްސާވަނީ ޓޫރިޒަމް ދާއިރާ އެވެ. އެހެންވެ، ޓޫރިޒަމް ދާއިރާއަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ ވަނީ ގުޅިލާމެހިފަ އެވެ.

މާޗް މަހުގެ އުފެއްދުންތެރިކަން ދަށްވި އިރު މިދިޔަ އަހަރުގެ މާޗް މަހަށް ވުރެ މިއަހަރުގެ މާޗް މަހު ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ ކުރިއަރާފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 8.8 ބިލިއަން ރުފިޔާގަ އެވެ.

މާޗް މަހުގެ އުފެއްދިންތެރިކަމުގެ 20 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ އެވެ. އެއީ 1.9 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ މަހަށް ވުރެ ޓޫރިޒަމް ދާއިރާގެ ކުރިއެރުން ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ. އަދި އޭގެ ކުރީ އަހަރުގެ މާޗް މަހަށް ވުރެ 10 ޕަސެންޓަށް ދަށްވެފައިވެ އެވެ.

ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ އުފެއްދުންތެރިކަން ވެސް ވަނީ އޭގެ ކުރީ މަހަށް ވުރެ 10.7 ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް ޓްރޭޑިން ދާއިރާ އާއި ފައިނޭންޝަލް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަން ދާއިރާ ވަނީ މާޗް މަހު ކުރިއަރާފަ އެވެ. އެކަމަކު ޖީޑީޕީގެ ނިސްބަތުން އެ ދާއިރާތައް ހިއްސާވާ މިންވަރު ކުޑަ އެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 10 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ކުރިއަރައިފާ މަހެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ އިގްތިސާދުގެ އުފެއްދުންތެރިކަން ހުރީ 28.7 ބިލިއަން ރުފިޔާގަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.