މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކުރާ މިންވަރު 3.5 ޕަސެންޓަށް ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަހަރު ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު ބުނެފައި ވަނީ މިއަހަރު ފެށުމަށް ހަމަޖެހިފައި ވާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާ އެ މުއްދަތުގެ ތެރޭގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭތީ އިގްތިސާދު ކުރިއަރާނެ މިންވަރު 6.4 ޕަސެންޓަށް އަރާނެ ކަމަށެވެ. ނަމަވެސް އައިއެމްއައިފް އިން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމަށްފަހު ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ މިއަހަރު ރިއަލް ޑީޖީޕީ 3.5 ޕަސެންޓަށް ކުރިއަރާނީ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެން ކަމަށެވެ.
އެ އިދާރާއާ ހަވާލާދީ "ދަ ފައިނޭންޝަލް" ނޫހުގައި ބުނެފައި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިގްތިސާދަށް ކުރިއެރުން އަންނާނެ ކަމަށް ބެލެވުނު ނަމަވެސް އޭޝިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮތްނޭނގޭ ކަންތައްތަކާއި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުން ލިބޭނެ އާމްދަނީއެއް މިހާތަނަށް ޔަގީންވެފައި ނުވާތީ މަންޒަރު ފެންނަނީ ވަރަށް ނުސާފުކޮށް ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ހިންގާ ބްރިޖް އެޅުމުގެ މަޝްރޫއާއި އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ އިތުރުން މާލޭގެ ކޮމާޝަލް ހާބަރު ތަރައްގީކުރުމުގެ މަޝްރޫއު ފާހަގަކޮށްފައިވެ އެވެ.
ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް މާލީ އިދާރާ އިން ބުނެފައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ކުރިޔަށް އޮތް ތިން އަހަރު ހިންގުމުގެ ހަރަދުތައް ދެ ގުނަ އިތުރުކުރަން ކަމަށާއި އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުގެ މިންވަރު އިތުރުވުމުން ބޭރުގެ ދަރަނި ވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފް އިން ބުނެފައި ވަނީ 2014 ވަނަ އަހަރު 6.5 ޕަސެންޓްގައި ކުރިއެރި އިގްތިސާދު، ޓޫރިޒަމަށް އައި މަޑުޖެހުމާ ގުޅިގެން މިދިޔަ އަހަރު 1.5 ޕަސެންޓަށް ދަށްވި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓްގައި ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން ފިސްކަލް ޑެފިސިޓް ކުޑަވެ، ލިބުނު އާމްދަނީ އިތުރުވި ކަމަށް ބުނެފައިވެ އެވެ.
އެ އިދާރާ އިދާރާ އިން ބުނެފައި ވަނީ މިިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ދަރަނި ވަރަށް ބޮޑު ކަމަށާއި އެ މިންވަރު އަދިވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.
މިދިޔަ އަހަރު މަނިޓަރީ ޕޮލިސީއަށް ގެނައި ބަދަލާ ބެހޭ ގޮތުން އައިއެމްއެފް އިން ބުނެފައި ވަނީ އެ ބަދަލާ ގުޅިގެން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުގެ މިންވަރު އިތުރު، ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި ތެލުގެ އަގަށް އަންނަ ހެޔޮ ބަދަލާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުތަކަށް ވެސް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އައިއެމްއެފް އިން ބުނެފައި ވަނީ ތެލުގެ އަގަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިނަމަވެސް، މިދިޔަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 8.8 ޕަސެންޓަށް މަތިވެފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނެފައި ވަނީ ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެގްޒެކްޓިވް ބޯޑުގެ މެމްބަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް ރަނގަޅު ގޮތުގައި ކުރިޔަށް ގެންގޮސްފި ނަމަ އޭގެ ސަަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަކު އެ މަޝްރޫއުތައް ރަނގަޅަށް ކުރިޔަށް ނުގެންދެވިއްޖެ ނަމަ ބޭރުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އެގެޒެކްޓިވް ބޯޑުން ފާހަގަކުރި ކަމަށް ބުނެފައިވެ އެވެ.