މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އެކި ދާއިރާތަކުން އުފެއްދި ވަޒީފާގެ ފުރުސަތުތައް އިތުރު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ބިޒްނަސް ސާވޭ އިން ދައްކައިފި އެވެ.
ސާވޭއިން ދައްކާ ގޮތުން ހޯލްސޭލް، ރީޓެއިލް، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތުގެ ދާއިރާގެ ވަޒީފާތައް ވަނީ އިތުރުވެފަ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރު ނުވަނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. އެ ދެ ދާއިރާގެ ވިޔަފާރިތައް ވެސް އެ މުއްދަތުގައި ދަށަށް ގޮސްފައިވެ އެވެ.
ފުރަތަމަ ކުއާޓާގައި ތަކެތި ވިއްކަމުންދިޔަ އަގުތައް ވެސް އެވްރެޖްކޮށް އުފުލިފައިވެ އެވެ. ހާއްސަކޮށް ހޯލްސޭލާއި ރީޓެއިލް ވިޔަފާރިތަކުން ތަކެތި ވިއްކި އަގުތައް މައްޗަށް ދިޔަ ކަމަށް އެމްއެމްއޭގެ ބިޒްނަސް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވެ އެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަނާއި ދަތުރުފަތުރުގެ ދާއިރާގެ އަގުތައް ވެސް މި މުއްދަތުގައި ވަނީ އިތުރުވެފަ އެވެ.
ފުރަތަމަ ކުއާޓާގައި ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވި ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓާގައި ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅު ކަމަށް ޓޫރިޒަމް ދާއިރާ އާއި ޓްރާންސްޕޯޓު އަދި މުވާސަލާތީ ހިދުމަތްތަކުގެ ވިޔަފާރި ކުރަ ފަރާތްތަކުން ފާހަގަކޮށްފައި ވެ އެވެ. ނަމަވެސް، ދެވަނަ ކުއާޓާގައި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދަށްވާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރާ ކަމަށް ސާވޭއިން ދައްކަ އެވެ.
އެމްއެމްއޭގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާޗް 29 އިން އޭޕްރީލް 18 އަށެވެ. އެ ސާވޭގައި ބައިވެރިވުމަށް 160 ވިޔަފާރިއަކަށް ރިކުއެސްޓް ފޮނުވި ނަމަވެސް، އެމްއެމްއޭއަށް ޖަވާބު ދީފައިވަނީ 97 ވިޔަފާރިއަކުންނެވެ.