ވިލާ ކޮލެޖުގެ މާސްޓާސް އޮފް ކްލިނިކަލް ސައިކޮލޮޖީ އަދި މާސްޓާސް އޮފް ކައުންސެލިން ޕްރޮގްރާމްގެ ދަރިވަރުންނާއި ޔުނިސެފް ގުޅިގެން، ކުޑަކުދިންގެ ތަރުބިއްޔަތާއި ހެދިބޮޑުވުމަށް އަމާޒުކޮށްގެން "ޕޭރެންޓިން ސިމްޕޯޒިއަމް 2026" ބާއްވައިފި އެވެ.

"އާލީ އިޔާސް މެޓާ: ސަޕޯޓިން ޕޭރެންޓްސް ތްރޫ އިންޓަގްރޭޓެޑް ސިސްޓަމްސް"ގެ ޝިއާރުގެ ދަށުން ވިލާ ކޮލެޖުގައި ބޭއްވި މި ސިމްޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ ވަކިވަކިން މަސައްކަތްކުރާ މުއައްސަސާތަކުގެ ބަދަލުގައި ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ގުޅިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދުމެވެ.

މި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން، ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެޑްވާޑް އައްޑާއީ ވަނީ ކުދިންގެ މުޅި އުމުރުގެ ސިއްހަތާއި އުނގެނުމާއި ދުޅަހެޔޮކަން ބައްޓަންވުމުގައި ޅަފަތުގެ ދުވަސްވަރުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ކުދިންނަށް އެހީތެރިވުން ފެށެނީ ސީދާ ބެލެނިވެރިންނަށް އެހީތެރިވުމާ ހިސާބުން ކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ބޭއްވި ސިމްޕޯޒިއަމްގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އައްޑާއީ ވާހަކަ ދައްކަވަނީ.
ވިލާ ކޮލެޖުން ބޭއްވި ސިމްޕޯޒިއަމްގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އައްޑާއީ ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވީ ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް އެންމެ ޅަފަތުން ފެށިގެން އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރާ ނަމަ އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބި ކުދިން ކުރިއަރައި، މުޅި މުޖުތަމައު ބާރުވެރިވާނެ ކަމަށެވެ. 

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުން ގަބޫލުކުރާ ގޮތުގައި ތައުލީމަކީ ހަމައެކަނި ކްލާސްރޫމަކުން ނިމޭ ކަމަކަށް ނުވެ، އޭގެ ފައިދާ ސީދާ މުޖުތަމައަށް ފޯރަންޖެހޭނެ ކަމަށެވެ. އަދި ސިމްޕޯޒިއަމް ބައްޓަންކޮށް ކުރިއަށް ގެންދިއުމުގައި ވިލާ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމްތަކުގެ ދަރިވަރުން ކުރި ބުރަ މަސައްކަތަށް ތައުރީފު ކުރައްވައި، އެ ދަރިވަރުން ހަމައެކަނި ތިއަރީ އުނގެނުމުގެ ބަދަލުގައި، ދިވެހި އާއިލާތަކަށް އަމަލީ ހައްލުތައް ހޯދައިދިނުމުގައި ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުއްޖަކަށް އެހީތެރިވުމަށްޓަކައި އެންމެ ފުރަތަމަ ބެލެނިވެރިޔާ އަށް އެހީތެރިވާން ޖެހޭކަން ފާހަގަކުރައްވައި، ބެލެނިވެރިންނާއި ކުދިން ބަލަހައްޓާ ފަރާތްތައް އެ މަސައްކަތް އެކަނި ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ބެލެނިވެރިންނާ އެކުގައި ސާބިތުވެ، އެކުގައި އުނގެނި، އެހީތެރިވުމުގައި ވިލާ ކޮލެޖު އަބަދުވެސް ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ބޭއްވި މި ސިމްޕޯޒިއަމްގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން މޮޑަރޭޓުކުރީ އެ ކޮލެޖުގެ ދަރިވަރު އައިޝަތު ޝައިބާ ކިނާނަތު އެވެ. އެ ޕެނަލްގައި ވިލާ ކޮލެޖުގެ ދަރިވަރު އަޒްރާ މޫސާ، އަމީނިއްޔާ ސްކޫލުގެ ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރު ޒަހީނާ މުފީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަދި ޖޮއިންޓް ޕޭރެންޓިން ޕްރޮގްރާމް ސްޓިއަރިން ކޮމިޓީގެ ޗެއާ ފާތުމަތު އައްޒަ، ހުޅުމާލޭ ހޮސްޕިޓަލުގެ ސީނިއާ ސައިކޮލޮޖިސްޓް ފާތުމަތު ޝަހުރު އަދި ޔުނިސެފްގެ ހެލްތު އެންޑް ނިއުޓްރިޝަން ސްޕެޝަލިސްޓް އާމިނަތު ޝަހުލާ ބައިވެރިވި އެވެ. 

މި ޕެނަލްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޅަފަތުގައި ހެދިބޮޑުވުމަށް ބޭނުންވާ ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ވަކިވަކި މުއައްސަސާތަކުން ދިނުމުގެ ބަދަލުގައި، ގުޅިފައިވާ އެއް ނިޒާމެއްގެ ތެރެއިން އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ކުދިން ބެލެހެއްޓުމުގައި އާއިލާތަކުން ތަހައްމަލުކުރާ އިދާރީ އަދި ނިޒާމީ ދަތިތަކާއި އޭގެ ސަބަބުން ބެލެނިވެރިންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތަކުގެ މައްޗަށް ވެސް ޕެނަލިސްޓުން ވަރަށް ފުޅާކޮށް ވާހަކަ ދެއްކި އެވެ. އޭގެ އިތުރުން ކުއްޖާގެ ހެދިބޮޑުވުމާ މެދު ކަންބޮޑުވުން އުފެދޭ ވަގުތުތަކުގައި، ގުޅިފައިވާ އެހީތެރިކަމުގެ ނިޒާމެއް ނެތުމުގެ ސަބަބުން ސިއްހީ އަދި ތައުލީމީ ދާއިރާތަކުން ހިދުމަތް ހޯދުމަށް ބެލެނިވެރިން އުފުލަންޖެހޭ ބުރަ އާއި ދަތިތަކާއި ގުޅޭ މަޝްވަރާތައް ވެސް ކުރި އެވެ. 

އޭގެ އިތުރުން އެ ޕެނަލް ޑިސްކަޝަނުގައި އުމުރުގެ ފުރަތަމަ ފަސް އަހަރަކީ ކުއްޖާގެ ސިކުނޑިއާއި ވިސްނުމުގެ ތަރައްގީއަށް އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކޮށް، ހެދިބޮޑުވުމުގައި ހުންނަ މައްސަލަތައް ވީ އެންމެ އަވަހަކަށް ދެނެގަތުމުގެ މުހިންމުކަން ޕެނަލިސްޓުން ފާހަގަކުރި އެވެ. ސްކްރީން ޓައިމް ގިނަވުމާއި އިޖުތިމާއީ ގުޅުން މަދުވުން ފަދަ މާހައުލީ ސަބަބުތަކުން ދިމާވާ ވާހަކަ ދެއްކުމާއި އިޖުތިމާއީ ހުނަރުގެ ލަސްތައް ވަކިކޮށް ދެނެގަތުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ކުރީކޮޅު މިފަދަ ކަންކަން ދެނެގަނެ އެކަށޭނަ އެހީތެރިކަން ފޯރުކޮށްދިނުމުން ދުރުރާސްތާގައި ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެކަން ފާހަގަކުރި އެވެ. އަދި ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް އެއް ޓީމެއްގެ ގޮތުގައި ގުޅިގެން، "ބެލެނިވެރިޔާ ޕްރޮގްރާމް" ފަދަ ނިޒާމުތަކުގެ ތެރެއިން ބެލެނިވެރިން ބާރުވެރިކުރުވުމާ ބެހޭ ގޮތުން ވެސް އެ ޕެނަލުން މަޝްވަރާ ކުރި އެވެ.

އެ ސިމްޕޯޒިއަމްގެ މެންދުރުފަހުގެ ދަންފަޅީގައި ކުރިއަށްދިޔައީ ވިލާ ކޮލެޖުގެ ދަރިވަރުންގެ ފަރާތުން ހުށަހެޅި ރިސާޗް ޕޭޕަރު ޕްރެޒެންޓޭޝަންތަކެވެ. އެ ދިރާސާތަކުގައި، ދިވެހި މުޖުތަމައާ ސީދާ ގުޅުން ހުރި މުހިންމު މައުލޫތަކަށް ކޮށްފައިވާ ދިރާސާތައް ވަނީ ހުށަހަޅައިފަ އެވެ.