ދުނިޔޭގެ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ވަޒަންކުރާ ބައިނަލްއަގުވާމީ މިންގަނޑު "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026" ގައި ވިލާ ކޮލެޖުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މުއައްސަސާތަކާ ވާދަކޮށް ގަދަ 100 ގެ ތެރޭގައި ހިމެނިއްޖެ އެވެ.

މި އަހަރުގެ ރޭޓިންސްގައި ވިލާ ކޮލެޖުން ވަނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުން ވަޒަންކުރާ 'އެސްޑީޖީ 4'ގެ ކެޓަގަރީން މުޅި ދުނިޔެއިން ބައިވެރިވި 1,335 މުއައްސަސާގެ ތެރެއިން 82 ވަނަ މަގާމު ހާސިލުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރު މި ކެޓަގަރީން ވިލާ ކޮލެޖު ހިމެނުނު 101-200 ބޭންޑުން ކުރިއަރައި، ފުރަތަމަ ފަހަރަށް ދުނިޔޭގެ ގަދަ 100 އިން ޖާގަ ހޯދައި، ދިވެހިރާއްޖޭގެ ތައުލީމީ މުއައްސަސާއަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މިފަދަ އެންމެ ޝަރަފުވެރި އެއް ކާމިޔާބީ އެވެ. 

އަދި މިއީ މި ރޭންކިންގައި ވިލާ ކޮލެޖަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.

އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ކުރާ މަސައްކަތްތައް، ޓީޗިން، ރިސާޗް، ސްޓްވާޑްޝިޕް އަދި އައުޓްރީޗް، މި ހަތަރު ދާއިރާއިން ވަޒަންކޮށް، އެކުލަވާލާ މި ރޭންކިންގްސގެ މިއަހަރުގެ ނަތީޖާ ދައްކާ ގޮތުން މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިން ގައި 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ވަނީ ހިމެނިފަ އެވެ. މިއީ މިދިޔަ އަހަރު ވިލާ ކޮލެޖު ހިމެނުނު 401 އާއި 600 ބޭންޑާ އަޅާބަލާއިރު، އެންމެ އަހަރެއްގެ ތެރޭގައި އެ ކޮލެޖުން ހާސިލްކުރި ބޮޑު ކުރި އެރުމެކެވެ. 

ވިލާ ކޮލެޖަށް ލިބުނު މި ތާރީހީ ކާމިޔާބީއާ އެކު، އެ ކޮލެޖު ވަނީ އެ ރޭޓިންގައި ރާއްޖޭގެ ކޮލެޖު، ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ މަތިން ރޭޓުކުރި ކޮލެޖުގެ މަގާމު ވެސް ހޯދައިފަ އެވެ. 

ވިލާ ކޮލެޖުން "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026"ގެ ރޭންކިންގައި ދެމެހެއްޓެނިވި ތަރައްގީގެ އިތުރު ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތައް ހާސިލްކޮށްފަ އެވެ.

"ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންސް 2026"ގައި ވިލާ ކޮލެޖުން ކުރިއެރުން ހޯދި ދާއިރާތައް

  • އެސްޑީޖީ 16 (ޕީސް، ޖަސްޓިސް އެންޑް ސްޓްރޯންގް އިންސްޓިޓިއުޝަންސް): ދުނިޔޭގެ 914 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 101-200 ބޭންޑުގައި ހިމެނިފައެވެ.

މިއީ މިދިޔަ އަހަރުގެ 201-300 ބޭންޑުން އެއް ބޭންޑު ކުރިއަރައި، ހެޔޮ ވެރިކަމުގެ ނިޒާމުތަކާއި އިންސާފު ގާއިމުކުރުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ކޮލެޖުން ފާހަގަކުރި އެވެ.

  • އެސްޑީޖީ 3 (ގުޑް ހެލްތް އެންޑް ވެލް ބީން): ދުނިޔޭގެ 1,254 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނިފަ އެވެ. މިއީ މިދިޔަ އަހަރުގެ 601-800 ބޭންޑުން އެތައް ދަރަޖައެއް ކުރިއަރައި، މި އަހަރު ވިލާ ކޮލެޖުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މިއީ މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އެ ކޮލެޖުން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އަދި މި ކާމިޔާބީން އެ ކޮލެޖން މުޖުތަމައުގެ ދުޅަހެޔޮކަމަށް ދޭ އަހައްމިޔަތު ހާމަވާކަމަށް ބުންޏެވެ. 

  • އެސްޑީޖީ 5 (ޖެންޑާ އީކުއަލިޓީ): ދުނިޔޭގެ 1,095 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި، މިދިޔަ އަހަރެކޭ އެއްފަދައިން ދުނިޔޭގެ ކުރީ ސަފުގައި ހިމެނިފަ އެވެ.

މިއީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ހުރިހާ ދަރިވަރުންނަށް ތަފާތު ކުރުމެއް ނެތި ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

  • އެސްޑީޖީ 17 (ޕާޓްނާޝިޕް ފޯ ގޯލްސް): ދުނިޔޭގެ 1,610 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނި، މިދިޔަ އަހަރުގެ މާގަމު ވަނީ ދަމަހައްޓައިފަ އެވެ.

މިއީ އެކި ފަރާތްތަކާ ގުޅިގެން ވިލާ ކޮލެޖުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ ގާބިލުކަން ދައްކައިދޭ ރޭޓިންއެއް ކަމަށް ބުންޏެވެ

ޓައިމްސް ހަޔާ އެޑިއުކަންސް ރޭޓިންސްގައި ލިބުނު ކާމިޔާބީތައް ފާހަގަކުރައްވައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކާމިޔާބީއަކީ އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. 

"އެންމެ އަހަރެއްގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަޅުގަނޑުމެން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. 

ވިލާ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގެ ކޮލިޓީ ތައުލީމެއް ފޯރުކޮށްދީ، އިޖުތިމާއީ ގޮތުން ޒިންމާދާރު، ހޭލުންތެރި ޖީލެއް ބިނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އަލީ ނަޖީބު ވިދާޅުވި އެވެ. ހާއްސަކޮށް ތައުލީމީ ފެންވަރު ވަޒަންކުރާ އިންޑެކްސްގައި މުޅި ދުނިޔެއިން 82 ވަނައިގައި ވިލާ ކޮލެޖު ހިމެނުމަކީ މަތީ ތައުލީމު ހާސިލުކުރުމަށް އެ ކޮލެޖު ހިޔާރުކުރާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. މިއީ އެ ދަރިވަރުން ހާސިލުކުރާ ސަނަދުގެ ބުރަދަން ބައިނަލްއަގުވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމެއް ކަމަށް އަލީ ނަޖީބު ވިދާޅުވި އެވެ.