ރާއްޖެ އާއި އިންޑިއާއާ ދެމެދު ފައިސާގެ މުއާމަލާތްތައް ކުރަން ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުން ޓެސްޓުކުރަން މިމަހު ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ޔޫޕީއައިއަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އެވެ. އަދި އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި އެ ދެ ސިސްޓަމް ގުޅާލުމުން ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކަމާއެކު ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.

އެމްއެމްއޭއިން ބުނީ އެ ދެ ސިސްޓަމް ގުޅާލުމަށްޓަކައި ޓެސްޓިން މަރުހަލާ ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލައި ހިދުމަތްތައް ތައާރަފް ކުރުމަށް ރާވާފައިވަނީ އެމްއެމްއޭ އިން ބުނި ގޮތުގައި ދެމަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ. އަދި ދެވަނަ މަރުހަލާގައި ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މަގު ފަހިވާނެ އެވެ.

އެ ދެ ނިޒާމު ގުޅާލުމާއެކު ބޭރު ފައިސާއަށް އޮންނަ ޑިމާންޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ރާއްޖޭގެ ބޭންކުތަކުން ބުނެފައިވެ އެވެ.