މިއަހަރުގެ ޖޫން މަހާ ހަމައަށް މުވައްޒަފުންގެ މުސާރަ ދިނުމަށް އަށް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މުއްވަޒަފުންގެ މުސާރައަަށް ހޭދަކޮށްފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ.

މުވައްޒަފުންގެ މުސާރައިގެ ތެރެއިން އެލަވަންސަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަސާސީ މުސާރަ ދިނުމަށް ކުރާ ހޭދަ ވެސް ވަނީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި ޕެންޝަން ހަރަދު ވަނީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

މުވައްޒަފުންނަށް ކުރާ ހޭދައިގެ ތެރެއިން ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް 390 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓްގެ އިތުރުވުމެކެވެ. ރިޓަޔަކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް މި އަހަރުގެ ބަޖެޓުގައި 739 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ބަޖެޓުން އެންމެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް ހޭދަވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މިއަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދުގެ 43 ޕަސެންޓެވެ. އަދި ޖުމްލަ ބަޖެޓުގެ 27 ޕަސެންޓެވެ.