ދައުލަތަށް ލިބޭ އާމްދަނީއަށް ނުބަލައި މުސާރަތައް ބޮޑުކުރާ ނަމަ، ބޮޑުވާ މުސާރައަށް ވުރެ ބޮޑަށް ތަކެތީގެ އަގުބޮޑުވާ ކަމަށާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާ ނަމަ އެއީ ދެކޮޅު ޖެހޭ ގޮތަކަށް ކުރާ ކަމަކަށް ވާން ޖެހޭ ކަމަށެވެ. 

އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ދައުލަތުގެ ބަޖެޓްގެ ކަންތައްތައް ބަލަހައްޓާ ބަޖެޓް އޮފީހުގެ ފިސްކަލް ޑިޕާޓްމަންޓްގެ ހެޑްގެ ހައިސިއްޔަތުންނެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން. ފޮޓޯ: މަޖިލީހުގެ އިދާރާ
ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން. ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮމިޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ.އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސާއިދު ވިދާޅުވީ ޕޭ ފްރޭމްވޯކް މިހާރު އޮތް ގޮތާ މެދު ސިވިލް ސާވަންޓުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝަކުވާ އެބަ އޮތް ކަމަށެވެ. އެކަމަކު ދައުލަތުން މުސާރަ ކަނޑައަޅާ އިރު ވަކި ހަމަތަކެއް ގެންގުޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަ ބޮޑުކުރަން އެންމެން ވެސް އެދޭ އިރުގައި އެ މުސާރަ ބޮޑުކުރާ ގޮތެއް އެއީ ދެކޮޅުޖެހޭ ގޮތަކަށް ވާން ޖެހޭ. އެހެން ނޫން ނަމަ ވާ ގޮތަކީ ބޮޑުވާ މުސާރައަށް ވުރެ، ރަށު ތެރޭގައި ނޫނީ ގައުމުގައި ތަކެތީގެ އަގު ވެސް މާ ބާރަށް އުފުލިގެން އާދޭ،" ސާއިދު ވިދާޅުވި އެވެ.

ދައުލަތަށް ކޮންމެ އަހަރަކު ވެސް އާމްދަނީ ވަންނަނީ، ލިބޭނެކަމަށް ބަޖެޓްގަައި ޖަހާފައި އޮންނަ ވަރަށް ކަމަށާއި އެހެން އެކަން އޮއްވައި އިތުރު ހަރަދެއް ކުރަން ޖެހުމުން މުސާރަ ދޭން ހުންނަ ފައިސާ މަދުވެ، ދަރަންޏަށް ފައިސާ ނަގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަތީޖާއަކީ، އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ، ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ.

ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން. ފޮޓޯ: މަޖިލީހުގެ އިދާރާ
ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން. ފޮޓޯ: މަޖިލީހުގެ އިދާރާ

ބޭރުފައިސާއިން ދަރަނި ނެގުމުން އެތައް އަހަރެއް ވަންދެން ދައުލަތުން އިންޓަރެސްޓް ދައްކަން ޖެހޭ ކަމަށް ވިދާޅުވެ އޭގެ މިސާލަކަށް އޭނާ ދެއްކެވީ 2017 ވަނަ އަހަރު ނެގި އެފަދަ ދަރަންޏެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދަރަނި އަދާކޮށް ނިމުނީ މި އަހަރު އެވެ.

"އެއީ ބޭރުފައިސާއިން ދަރަނި ނެގީމާ ވާ އެއް ގޮތް. އެތެރޭގެ ދަރަނި ނަގާ މިންވަރަކަށް، ދަރަނި ނަގާ ކޮންމެ ފަހަރަކު، އެއީ އަމިއްލަ ފަރާތަކަށް ނަގާ ދަރަންޏަކަސް އަދި ސަރުކާރުން ނަގާ ދަރަންޏަކަސް އެއީ ހަމަ މަނީ ސަޕްލައިއަށް އިތުރުވެގެން އަންނަ އެއްޗެއް. އެއާ އެކީގައި ޑޮލަރަށް އޮންނަ ޑިމާންޑް ވެސް އެބަ ބޮޑުވޭ،" ސާއިދު ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރުމުގައި ދެކޮޅު ޖެހޭ ގޮތަކަށް ކަންތައްކުރަން ޖެހެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.