ރާއްޖޭގެ ބޭންކުތަކުން ފަރުދުންނަށް ދޫކުރާ ކުދި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްގައި ތޯރިގު ވިދާޅުވީ، އިންޓަރެސްޓްރޭޓް ކުޑަކުރަން މަރުކަޒީ ބޭންކުން އަންގަން ޖެހޭ ކަމަށާއި އެގޮތަށް އެކަން ނުވާ ނަމަ ގާނޫނަށް ބަދަލު ގެނެސްގެން ވެސް އިންޓަރެސްޓް ކުޑަކުރަންޖެހޭ ކަމަށެވެ.

"މައިކްރޯ ފައިނޭންސް ނުވަަތަ އެންމެ ކުދި ކޮލެޓްރަލް ނުލާ ދޫކުރާ ފައިނޭންސް ނިޒާމު ރާއްޖޭގައި ރަނގަޅުކުރަން ޖެހޭ، އެއީ ބޭންކްގެ ނިޒާމުގެ ތެެރެއިން ނުވަތަ ބޭންކިން ގާނޫނަށް ބަދަލު ގެނެސްގެން ނުވަތަ އެމްއެމްއޭއިން އޭގެ އިންޓަރެސްޓް ރޭޓަށް ބަދަލު ގެންނަން އެ ބޭންކްތަކަށް މަޖުބޫރުކޮށްގެން، އެމްއެމްއޭއަށް އެކަން ނުކުރެވޭ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ބަދަލުކޮށްގެން ވެސް ހާއްސަކޮށް ކުދި ނުވަތަ މައިކްރޯފައިނޭންސް [ގެ ގޮތުގައި] މި ދޫކުރާ ކުދި ލޯނުތަކަކީ ކުޑަކުޑަ އިންޓަރެސްޓް ރޭޓެއްގައި އެ މީހުންނަށް ދޫކުރާ ލޯނުތަކަކަށް ވެއްޖިއްޔާ ރާއްޖޭގައި ރައްޔިތުން މި ނުފުދިގެން އުޅޭ އުޅުމަށް ކޮންމެވެސް ވަރެއްގެ ފަހި ފުރުސަތުތަކެއް [ލިބި] ކުދިކުދި ވިޔަފާރި ކުރުމަށް ފުރުސަތުތަކެއް ހުޅުވިގެން ހިނގައިދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ތޯރިގު ވިދާޅުވި އެވެ.

ބޭންކުތަކުން މައިކްރޯ ފައިނޭންސިން އަށް ނަގާ އިންޓަރެެސްޓްގެ ބޮޑުކަން ފާހަގަކުރައްްވައި އޭނާ އެކަމަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ އިންޓަރެސްޓް ރޭޓްތައް ބޮޑުކަމުން ގިނަ ބަޔަކު "ލޯނުތަކުގައި ތާށިވެފައި"ވާ ކަމަށެވެ.

މަސައްކަތްކުރާ އާބާދީގެ ބޮޑު ބައެއް ލޯނުތަކުގައި ތާށިވެފައިވާ ކަމަށާއި އެހެންވެ، މަހުގެ ފަހުކޮޅަށް ދާއިރު ޒަރޫރީ ކަންކަމަށް ފުދޭ ވަރަށް އެ މީހުންގެ އަތުގައި ފައިސާ ނުހުންނަ ކަމަށް ވެސް މެމްބަރު ތޯރިގް ވިދާޅުވި އެވެ. 

އެކަން ރަނގަޅުކުރެވޭނެ ގޮތަކީ ތޯރިގު ވިދާޅުވި ގޮތުގައި އެމްއެމްއޭ މެދުވެރިކޮށް ނުވަތަ ބޭންކިން ގާނޫނަށް ބަދަލު ގެނެސްގެން އިންޓަރެސްޓް ރޭޓް ކުޑަކޮށްގެންނެވެ.