ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ބޭނުންވާ ވަރަށްތޯ ބަލަން އޮޑިޓްކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި ޕޭކޮމިޝަން ގުޅިގެން ހަދާ އެ އޮޑިޓަށް ފަހު، ބޭނުންވާ ވަރަށް ވުރެެ އިތުރަށް މުަވައްޒަފުން ތިބި ތަންތަނުން، ބޭނުންވާ ތަންތަނަށް މުވައްޒަފުން ބަދަލުކުރާނެ ކަމަށެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދުކުޑަކުރަން އަޅާ ގިނަ ފިޔަވަޅުތަކެއްގެ ތެެރެއިން އެއް ކަންތަކެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް ނިންމަވާފައި އޮތީ މި އަންނަ އަހަރު އާ މަގާމުތައް ނުއުފައްދަން. ހަަމަ އެއާ އެކު، ރިޕްލޭސްމެންޓް ވެސް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ނެގުން. އަދި ހަމަ އަޅުގަނޑުމެން، ފިނޭންސް މިނިސްޓްރީ އަދި ޕޭކޮމިޝަން ގުޅިގެން، ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު ތިބީ ހަމަ ބޭނުންވާ ވަރަށްތޯ މުވައްޒަފުން ބަލައި އެ ކަހަލަ އޮޑިޓެއް ވެސް ކުރުމަށް ވިސްނާފައި މިއޮތީ،" ޒަރީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކުރާނެ އަނެއް ކަމަކީ މިހާރު ދޭ ގޮތަށް އެންމެންނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ސަބްސިޑީ ކޮންމެހެން ދޭން ޖެހޭ މީހުންނަށް އެކަނިދޭ "ޓާގެޓެޑް ސަބްސިޑީ" ތައާރަފް ކުރުމެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ތެލަށް ހަރަދުވާތީ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކޮށްގެން ތެލަށް ކުރާ ހޭދަ ކުޑަކުރުމަކީ ވެސް ހަރަދުކުޑަކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅެކެވެ.
"އެހެންވީމާ 2028 އާ ހަމައަށް ދާއިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ ރިނިއުވަބުލް އެނާޖީގެ ތެރެއިން އުފައްދާ ހަކަތައަށް ބަދަލުކުރުމުގެ ޕްލޭން [އެބަ އޮތް]،" ޒަރީރު ވިދާޅުވި އެވެ.
އެ ޕްލޭނާ އެއްގޮަތަށް 150 މެގަވޮޓްގެ ދެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ކމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ދެ ޕްރޮޖެކްޓް ނިމޭ އިރު ގާތްގަނޑަކަށް 100 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްވާނެ ކަަމަށް މި ބެލެވެނީ،" ޒަރީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ މިދިޔަ މަހުގެ 29 ގަ އެވެ.
މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.
ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މިއަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.