އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ރަށެއް ނުއަގުގައި ވިއްކުމަށް މަސައްކަތް ނުކުރާ ކަމަށާއި ރަށެއް ވިއްކާލަން އުޅޭކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހދ.ނާގޯށި، ގދ.މަގުއްދުވާ، ބ.ކިހަވައްހުރަވަޅީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުންހުރި އެންމެހާ ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް ވެސް ނިންމާފައިނުވާ ކަމަށެވެ. 

އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.

އެމްޓީޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށެވެ.

އެމްޓީޑީސީން އެ ބަޔާން ނެރުނު އިރު ބައެއް މީޑިއާތަކުން ވަނީ އެކުންފުނީގެ ދަށުގައި އޮތް މަގުއްދުވާ ރަށުގައި ހިންގާ އަޔާޑާ ރިސޯޓު ވިއްކާލުމަށްޓަކައި މަސައްކަތް ކުރާކަމަށް ރިޕޯޓްކޮށްފަ އެވެ.

އެމްޓީޑީސީން އެރަށް ސަބްލީޒްކޮށްފައިވަނީ 2007 ވަނަ އަހަރު އަހްމެޓް އައިދެނިޒް އަކަށެވެ. އަދި އަޔާޑާގެ ނަމުގައި އެ ރިސޯޓު ހުޅުވާފައިވަނީ 2011 ވަނަ އަހަރު އެވެ. އެއީ ފަސް ތަރީގެ ރިސޯޓެކެެވެ.

އަޔާޑާ ރިސޯޓުގެ އިތުރުން އެމްޓީޑީސީން ސަބްލީޒްކޮށްފައިވާ އަނެއް ރަށަކީ ބ.ކިހަވައްހުރަވަޅި އެވެ. އެ ރިސޯޓު މައިނާ އިންޓަނަނޭޝަނަލްއަށް ސަބްލީޒްކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެތަނުގައި އަނަންތާރާ ކިހާވަށް ވިލާސް 2010 ވަނަ އަހަރު ހުޅުވައި، އަންނަނީ ހިންގަމުންނެވެ. 

އެ ދެ ރަށުގެ އިތުރުން ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް 2007 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީން ދަނީ ކުރަމުންނެވެ. އެ ރަށް ނުހެދި ލަސްވުމުން އެންމެ ފުރަތަމަ ސަބްލީޒް ކުރި ފަރާތާ އެކު ހެދި އެގްރީމެންޓް ބާތިލުކޮށް 2021 ވަނަ އަހަރު އަނެއްކާ ވަނީ ގްލޯބަލް ރިސޯޓްސް ކިޔާ ކުންފުންޏަކަށް ސަބްލީޒްކޮށްފަ އެވެ.