މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބޭންކްތަކަށް ކޮންމެ ހަފްތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސެންޓަށް އިތުރުކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނީ، އެކަން އެގޮތަށް ކުރީ، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި އޭގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް މިކަމުން ލިބޭނެ ކަމަށެވެ.
އެމްއެމްއޭއިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 51 ޕަސެންޓަށް އިތުރު ކުރީ ކުރިއަށް އޮތް ތިން ހަފްތާއަށެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ކޮމާޝަލް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުންތަކަށް 1.1 ބިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އޭގެ ތެރެއިން ބޭންކްތަކަށް ކަނޑައަޅާފައިވާ އެލޮކޭޝަނަކީ 264 މިލިއަން ޑޮލަރެވެ. އެއީ ކޮންމެ ހަފްތާއަކަށް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ.
ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރު ކުރުމުން ކުރިއަށް އޮތް ތިން ހަފްތާގައި ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ކޮމާޝަލް ބޭންކްތަކަށް ދޫކުރާނެ ކަމަށް ބެލެވެ އެވެ.
އެމްއެމްއޭއިން ބުނީ، އެ ބަދަލުގެ ސަބަބުން، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މިދިޔަ ފެބުރުއަރީ މަހުން ފެށިގެން މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.
ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިސްޓުން އައުން މަދުވުމުގެ ސަބަބުންނެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް އެކަމުގެ އަސަރުކޮށް، ގިނަ ވިޔަފާރިތަކުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މީގެ ކުރިން ވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މިއަހަރުގެ ރޯދަ މަހާ ދިމާކޮށް، ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 ފަސެންޓަށް އިތުރުކުރި އެވެ. ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހު ވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 ޕަސެންޓް އިތުރުކޮށްފަ އެވެ.
ބޭންކްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފައިވާ އިރު އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން ވެސް ނިންމާފަ އެވެ. އެގޮތުން ކެޓަގަރީ އޭގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުން މާރުކުރަން ޖެހޭ ގޮތަށް އޮތް އަޮތުން އުވާލާ، ހަމައެކަނި އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. މިއާ އެކު ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ އަދަދު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ.