މި އަހަރުގެ ދިރާގު ރޯޑް ރޭސް ނޮވެމްބަރު 20 ގައި ބާއްވަން ނިންމާފައިވާކަން އެ ކުންފުނިން މިއަދު އިއުލާން ކޮށްފި އެވެ. 

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭހުގައި ހާފް މެރަތަން އާއި 10 ކިލޯމީޓަރުގެ ރޭހާއި ފަސް ކިލޯމީޓަރުގެ އިތުރުން ޓީމު ކެޓަގަރީތައް ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. 

އެ ކުންފުނިން ބުނީ މި ފަހަރުގެ ޓީމު އިވެންޓްގައި އިތުރު ކެޓަގަރީތައް ހިމަނާފައިވާނެ ކަމަށެވެ. ޓީމު ކެޓަގަރީތަކަކީ ރިސޯޓް ޓީމު، ކޯޕަރޭޓް ޓީމު، ދުވާ ކްލަބްތައް، އަދި ޔުނިވަސިޓީ/ކޮލެޖް ޓީމުތަކެވެ. 

ދިރާގުން ބުނި ގޮތުގައި، އެއިން ކޮންމެ ކެޓަގަރީއެއްގައި ޗެމްޕިއަން ޓީމު ހޮވާނެ އެވެ. 

މި ފަހަރުގެ ރޯޑް ރޭހުގައި އެންމެ ގިނަވެގެން ފުރުސަތު ދޭން ހަމަކެހިފައިވަނީ 4،000 ދުވުންތެރިންނަށް ކަމަށް ދިރާގުން ބުންޏެވެ. މި ފަހަރު ވެސް ރޭން ބާއްވާނީ ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގަ އެވެ. 

ދިރާގުން ބުނީ ރޯޑް ރޭހަށް ހާއްސަ ކޮށްފައިވާ ވެބްސައިޓް ޑީއެމްއާރްއާރްޑޮޓްއެމްވީ މެދުވެރިކޮށް ރޭހަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.