ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މި އަހަރު ޑީއެމްއާރްއާރް ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު 20 ގަ  އެވެ. އިވެންޓް ބާއްވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި ފުރުސަތު ހުޅުވާލީ ދިރާގާ އެކު އެ އިވެންޓް ކާމިޔާބުކޮށް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕާޓްނަރުން ކަމަށްވާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް އޮފިޝަލުންނާ އެކު  ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގަ އެވެ.

މި އަހަރުގެ ދުވުމުގައި މުޅިން އާ ހަތަރު ޓީމް ކެޓަގަރީ ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ޓީމް، ރިޒޯޓް ޓީމް، ރަނިން ކްލަބްސް އަދި ކޮލެޖް/ޔުނިވަސިޓީ ކެޓަގަރީ ހިމެނެ އެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކަށް ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެޓަގަރީތަކުގެ އިތުރުން، މި އަހަރު ވެސް ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

ދިރާގުގެ dmrr.dhiraagu.com.mv މެދުވެރިކޮށް، މި ދުވުމަށް ރަޖިސްޓްރީކުރެވޭނެ އެވެ. މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000ރ. ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ.

ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގު ރޯޑެ ރޭހަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ދުވުމެއް ކަމަށާއި މަގްސަދަކީ މިއަހަރުގެ ދުވުމުގައި ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މި އަހަރުގެ ދުވުމުގައި ވެސް ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، މި ކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވުން. އަދި، މި އަހަރު މި ތައާރަފްކުރި ކެޓަގަރީތަކުގެ އެހީގައި، މި ދުވުމުގައި ބައިވެރިވެވޭނެ އިތުރު މަގުތައް ފަހިވެ އެކަކު އަނެކަކާ ގުޅުންބަދަހިކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރަން"، އޭނާ ވިދާޅުވި އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.

ދިރާގުން ބުނީ، ޑީއެމްއާރްއާރް 2026 އަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ގޮތުން، ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން 200،000ރ. ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ އެވެ. މިދިޔަ އަހަރު، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވި ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން، ދިރާގުން ވަނީ ޖުމްލަ 685,000ރ. ހަދިޔާކޮށްފަ އެވެ.

މި ދުވުމުގައި  4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ރަޖިސްޓަ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.