ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން" ގެ ރޭސް ކިޓްތައް މިއަދުން ފެށިގެން ދިރާގު ހެޑް އޮފީހުން ދޫކުރަން ނިންމައިފި އެވެ.
އެ ފޯރިގަދަ މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި ކިޓް ދޫކުރަނީ ހެޑް އޮފީހުގައި ކުރިއަށްދާ ޑީއެމްއޯ އެކްސްޕޯގެ ތެރެއިންނެވެ.
އެ އެކްސްޕޯ މިއަދު ހަވީރު 5 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް އަށް ކުރިއަށްދާއިރު، މާދަމާ އެކްސްޕޯ ކުރިއަށްދާނީ މެންދުރު 2 އިން ފެށިގެން ރޭގަނޑު 7 އާ ހަމައަށެވެ. އަދި ބުރާސްފަތި ދުވަހު އެކްސްޕޯގެ ތެރެއިން ކިޓް ދޫކުރަނީ ހެނދުނު 9 އިން މެންދުރު 2 އާ ހަމައަށެވެ.
ދިރާގު މާލެ އޯޕަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގެ ރަސްފަންނު ސަރަހައްދުގަ އެވެ. އަދި "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކޮށްގެން ބާއްވާ އެ މުބާރާތުގެ މަގްސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
އެ މުބާރާތުގައި 1 ކިލޯމީޓަރާއި 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގައި ފެތުންތެރިން ވާދަކުރާނެ އެވެ. އަދި މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ރައްޓެހިންނާއި އާއިލާއާއެކު ނުވަތަ ފަތާ ކްލަބުތަކަށް ނިސްބަތްވާ ފެތުންތެރިން އެކުގައި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.