ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަ ފެތުމުގެ މުބާރާތް ކަމަށްވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތުގައި ވީހާ ވެސް ގިނަ ފެތުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރަޖިސްޓާ ކުރުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
ދިރާގުން ބުނީ، މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މުބާރާތުގައި ރަޖިސްޓާވާން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 20 ގަ އެވެ.
އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ގައި ރަސްފަންނުގަ އެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ "ދިރާގު މާލޭ އޯޕަން" ސްވިމިން މުބާރާތުގެ ބޭނުމަކީ ރާއްޖޭގައި އޯޕަން ވޯޓަ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގު މާލޭ އޯޕަންގައި އެއް ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
ރަޖިސްޓާ ކުރަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އުމުރުން ހަ އަހަރުން ފެށިގެން ގޮސް 70 އަހަރުން މަތީގެ ފެތުންތެރިން ވެސް ބައިވެރިވެފައިވެ އެވެ.
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2019 ގަ އެވެ. އެފަހަރު އެ މުބާރާތުގައި 200 މީހުން ބައިވެރިވެފައިވެ އެވެ.