އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އިމަޖެންސީ އެސިސްޓެންސް ލޯނެއް ދޭން ނިންމައިފި އެވެ.

އޭޑީބީން މިއަދު ބުނީ، އެ ލޯނު ދެނީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި ޓޫރިސްޓުން ރާއްޖެ އަށް އަންނަ ވަރު މަދުވެ، ތެލާ ގުޅެ ހަރަދުތައް މެނޭޖްކުރަން ސަރުކާރަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ރާއްޖޭގައި ކަރަންޓުގެ 94 ޕަސެންޓް ފޯރުކޮށްދެނީ ތެލުންނެވެ. 

އޭޑީބީން ވަނީ ރާއްޖޭގެ އިތުރުން ފިލިޕީންސަށް ވެސް 750 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމައިފަ އެވެ. އެ އެހީ ފޯރުކޮށްދެނީ އެ ގައުމުގެ ބިލްޑް ޔުނިވާސަލް ހެލްތު ކެއާ ޕްރޮގްރާމަށް އެހީވުމަށެވެ.

އޭޑީބީން އަންނަނީ ރާއްޖޭގެ ތަރައްގީއާ ގުޅޭ މުހިއްމު ޕްރޮޖެކްޓްތަކަށް އެހީވާން ލޯނު ދެމުންނެވެ. އެންމެ ފަހުން އެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދިނީ 2024 ވަނަ އަހަރުގެ އެންހޭންސީން ކްލައިމެޓް ފެޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަށް ހަތަރު މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައިވެ އެވެ.

އޭގެ ކުރިން 2023 ވަނަ އަހަރު ހަކަތައާ ގުޅޭ އެހެން ޕްރޮޖެކްޓަކަށް 18 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ ޕްރޮގްރާމަކަށް 2020 އަހަރު ވެސް 45 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (އޮފިޑް) އިން 40 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެސޯސިއޭޝަން އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ.