އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދޭ އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓުގެ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި އެ ބޭންކާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ސަރުކާރާއި އޭޑީބީއާ ދެމެދު 50 މިލިއަން އެމެރިކާ ޑޮލަރުގެ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް"ގެ ރަސްމީ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. 

މި ލޯނު އެހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ޔުނިޓުގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް އެވެ.

އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓުގެ އެއްބަސްވުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި އޭޑީބީގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް ބަދައްލުކުރައްވަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓުގެ އެއްބަސްވުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި އޭޑީބީގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް ބަދައްލުކުރައްވަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމަށް އިޖާބަދިނުމުގައި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އޭޑީބީން ކުރިން ބުނެފައިވާ ގޮތުގައި، އެ ލޯނު ދެނީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި ޓޫރިސްޓުން ރާއްޖެއަށް އަންނަ ވަރު މަދުވެ، ތެލާ ގުޅެ ހަރަދުތައް މެނޭޖުކުރަން ސަރުކާރަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ރާއްޖޭގައި ކަރަންޓުގެ 94 ޕަސެންޓް ފޯރުކޮށްދެނީ ތެލުންނެވެ. 

އޭޑީބީން ވަނީ ރާއްޖޭގެ އިތުރުން ފިލިޕީންސަށް ވެސް 750 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމައިފަ އެވެ. އެ އެހީ ފޯރުކޮށްދެނީ އެ ގައުމުގެ ބިލްޑް ޔުނިވާސަލް ހެލްތު ކެއާ ޕްރޮގްރާމަށް އެހީވުމަށެވެ.

އޭޑީބީން އަންނަނީ ރާއްޖޭގެ ތަރައްގީއާ ގުޅޭ މުހިއްމު ޕްރޮޖެކްޓްތަކަށް އެހީވާން ލޯނު ދެމުންނެވެ. އެންމެ ފަހުން އެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދިނީ 2024 ވަނަ އަހަރުގެ އެންހޭންސީން ކްލައިމެޓް ފެޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަށް ހަތަރު މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައިވެ އެވެ.

އޭގެ ކުރިން 2023 ވަނަ އަހަރު ހަކަތައާ ގުޅޭ އެހެން ޕްރޮޖެކްޓަކަށް 18 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ ޕްރޮގްރާމަކަށް 2020 އަހަރު ވެސް 45 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (އޮފިޑް) އިން 40 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެސޯސިއޭޝަން އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ.