ރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައިވާ ދެ ގަވާއިދަކީ "އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ)" ގަވާއިދު އަދި "އިންޝުއަރެންސް (އާންމު މާއްދާތަކުގެ)" ގަވާއިދެވެ.
އެ ދެ ގަވާއިދު ވެސް އެކުލަވާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި އެހެން ވެސް ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށްފަހު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިންޝުއަރެންސް ރިސްކާ ގުޅޭ ގަވާއިދުގައި ރާއްޖޭގައި ހުރި ރިސްކުތަކާއި ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމާއި އެކަމާ ގުޅޭ ނެގޯޝިއޭޓް ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.
ގަވާއިދުގައި ރިސްކުގެ ގޮތުގައި ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބިން ހިމެނޭ ގޮތަށް ނުފުލޭ އަދި އުފުލޭ މުދަލަށް ކުރިމަތިވެފައިވާ ރިސްކާއި ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކްތަކާއި ރާއްޖޭގައި ހުރި މުދަލާއި ރާއްޖޭގައި އުޅޭ މީހެއްގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކާއި ގާނޫނާ އެއްގޮތަށް ރަޖިސްޓާކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ވެސް ހިމެނެ އެވެ.
އާންމު އިންޝުއަރެންސް ގަވާއިދުގައިވާ ވަނީ ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓާއި އިންޝުއަރެންސް ފަންޑް ގާއިމް ކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ހާމަކޮށްފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެ އެވެ.