މިއަހަރަށް ކަނޑައަޅަފައިވާ ބަޖެޓުން މިހާތަނަށް ކުރި ހަރަދުގެ 86 ޕަސެންޓަކީ މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމަށް ކުރި ހޭދަ ކަމަށް ފިނޭސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން ރިކަރަންޓް ހަރަދުތަކަށް 26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން 10 ބިލިއަން ރުފިޔާ ހޭދަކުރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އަދި އޮފީސްތައް ހިންގުމަށް 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ހޭދައަށް ވުރެ 18 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ރިކަރަންޓް ހަރަދަށް ހޭދަކުރީ 22 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މުސާރަ ދިނުމަށް ހޭދަކުރީ ނުވަ ބިލިއަން ރުފިޔާ އެވެ. 

މިއަހަރުގެ މިހާތަނަށް 30 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ދަރަނިތައް އަދާކުރުމަށް ކުރި ހޭދަތަކާ އެކު ބަޖެޓުން 41 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 28 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 64 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ޖުމްލަ ބަޖެޓުގެ 64 ޕަސެންޓް މިހާރު ވަނީ ހޭދަކޮށްފަ އެވެ. ބާކީ ހަތަރު މަހު ހަރަދު ކުރުމަށް އޮތީ 23 ބިލިއަން ރުފިޔާ އެވެ.

މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް މިއަހަރުގެ ބަޖެޓުން ހޭދަކުރީ 3.8 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމަށާއި ފައިނޭންސިން ހަރަދުތައް ހަމަޖެއްސުމަށް ބަޖެޓުން 13 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވެ އެވެ.