މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 3.2 ބިލިއަން ރުފިޔާއަށް އަރައި، ސަބްޑިސީއަށް ބަޖެޓް ކުރި އަދަދަށް ވުރެ 10 ޕަސެންޓް އިތުރަށް ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 77 ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ދަނީ އެކި ދާއިރާތަކުން ސަބްސިޑީ ދެމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީ އާއި ކުންޏާއި ނަރުދަމާގެ ހިދުމަތުން ދޭ ސަބްސިޑީއަށެވެ.

އެހާބޮޑަށް ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެފައި ވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަރުކާރުން ވަނީ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއަށް އިތުރަށް އެހީތެރިވެފަ އެވެ.

އެއީ މިއަހަރު ސަބްސިޑީގެ ހަރަދު އެހާ ބޮޑަށް އިތުރުވި އެއް ސަބަބެވެ.

މިއަހަރުގެ ބަޖެޓުގައި އެހެނިހެން އެހީތަކަށް ބޮޑު އަދަދެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ބަޖެޓުގައި 2.8 ބިލިއަން ރުފިޔާ އެކަމަށް ކަނޑައަޅާފައި އޮތްއިރު، މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. 

އާންމު ސަބްސިޑީގެ އިތުރުން މެޑިކަލް ބޭނުންތަކަށް އެންސްޕާ މެދުވެރިކޮށް 135 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އާސަންދަ ސްކީމަށް ވެސް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި އާސަންދައަށް ހޭދަކުރުމަށް މިއަހަރު ދެ ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.