ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް މިއަހަރުގެ މިހާތަނަށް 5.4 ބިލިއަން ރުފިޔާ އިތުރު ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދިވެހި ރުފިޔާ ވިއްކި ޓީބިލްގެ އަދަދު 3.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޓީ ބޮންޑުގެ ގޮތުގައި ވިއްކި އަދަދު ވެސް ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އިސްލާމިކް އިންސްޓްރޫމެންޓްގެ ގޮތުގައި ދައުލަތުން ވިއްކި އަދަދު ވެސް އިތުރުވެފައިވެ އެވެ.

ޓީބިލްގެ ގޮތުގައި ވިއްކި ޖުމްލަ އަދަދު 95.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދިވެހި ރުފިޔާއިން ވިއްކި ޓީބިލްގެ އަދަދު 44 ބިލިއަން ރުފިޔާއަށް އަރާ އިރު ދިވެހި ރުފިޔާއިން ވިއްކި ޓީ ބޮންޑުގެ އަދަދު 29 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިއަހަރު ފެށުނު އިރު ދައުލަތުން ވިއްކި ޓީބިލްގެ ޖުމްލަ އަދަދު ހުރީ 90.3 ބިލިއަން ރުފިޔާގަ އެވެ. 

ސަރުކާރުން ކޮންމެ ހަފުތާއަކު އަންނަނީ ޓީބިލް ވިއްކަން ހުޅުވައިލަމުންނެވެ. ޓީ ބިލް ވިއްކަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އޭގެ އިންޓްރެސްޓް ރޭޓު އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގެ ރޭޓުތަކެއްގަ އެވެ. 

މިއަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމުގެ ގޮތުން 8.6 ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ކަނޑައަޅާފައިވަނީ ޓްރެޝަރީ ސެކިއުރިޓީ އިންނެވެ.

ޑޮމެސްޓިކް ޓީބިލްތަކުގެ އިތުރުން ބަޖެޓުގެ ހަރަދުތައް ހަމަަޖެއްސުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދައުލަތުން ވިއްކާފައިވާ ޓްރެޝަރީ ސެކިއުރިޓީގެ ޖުމްލަ އަދަދު 97 ބިލިއަން ރުފިޔާއަށް އަރަ އެވެ.