ރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، "ނިވަ ކުރުނބާ މޯލްޑިވްސް"ގައި ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބީއެމްއެލް އިން ބައިވެރިވެއްޖެ އެވެ.

އެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ނިވަ ކުރުނބާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ބައިވެރިވެ، އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް ވަނީ މުރަކަ އިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ނިވަ ކުރުނބާ މޯލްޑިވްސް އިން އަންނަނީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން އާއްމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި ބަައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއު އާއި ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެ އެވެ.