މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ، މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 41 ޕަސެންޓަށް ކުރިއަށް ހިނގައްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރުގެ ކުރިއެރުން 539 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މިއަހަރުގެ ޖޫން މަހަށް ވުރެ 9.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކޮންސްޓްރަކްޝަން ދާއިރާ އެހާ ބޮޑަށް ކުރިއަށް އެރީ އެ ދާއިރާގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ.
ޖުލައި މަހުގެ މުޅި އިގްތިސާދީ ކުރިއެރުމުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ކޮންސްޓްރަކްޝަން ދާއިރާ އެވެ.
ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރީ ފައިނޭންޝަލް ސެކްޓަރެވެ. ޖުލައި މަހުގެ އިގްތިސާދީ ކުރިއެރުމަށް ތިން ވަނައަށް އެންމެ ބޮޑު ހިއްސާއެއްވީ ރިއަލް އެސްޓޭޓް ހަކަރާތްތަކެވެ.
އިގްތިސާދު ޖުމްލައަށް ކުރިއެރުންތަކެއް އެމަހު ހޯދި ނަމަވެސް، މަސްވެރިކަމާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް ޖުލައި މަހު ވަނީ ދަށަށް ގޮސްފަ އެވެ.
ޖުލައި މަހުގެ އިގްތިސާދީ ކުރިއެރުން އިތުރުވި ނަމަވެސް، މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދު ވަނީ އޭގެ ކުރީ ކުއާޓާއަށް ވުރެ 12 ޕަަސެންޓަށް ދަށަށް ގޮސްފަ އެވެ. ދެވަނަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގަ އެވެ. އެއީ މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 3.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.