އިންޑިއާގެ މަޝްހޫރު ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލަށް މި މަހު ޒިޔާރަތްކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މި ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލްގައި ބަލިމީހުން ބަލާނީ މި މަހުގެ 11 އިން 15 އަށެވެ.
އެ ހޮސްޕިޓަލުން ބުނީ ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރު، ޑރ. ހަރިކްރިޝްނަން ސީޕީ ފަސް ދުވަހު އެ ހޮސްޕިޓަލުގައި ކޮންސަލްޓުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެ ދެ ޑޮކްޓަރުން ބަލިމީހުން ބަލާނީ އޯކިޑް މަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުގަ އެވެ.
މި ދެ ޑޮކްޓަރުން އައިކެއާއަށް ޒިޔާރަތް ކުރަނީ ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު އައިކެއާއިން ގާއިމުކުރި ޕާޓްނާޝިޕުގެ ދަށުންނެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިކެއާއިން ބުންޏެވެ.
އެ ދެ ޑޮކްޓަރުން ކޮންސަލްޓު ކުރާނީ މި މަހުގެ 11 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9 އިން ހަވީރު 6 އަށެވެ. އެ ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ހިދުމަތް ލިބޭނެ އެވެ.
އައިކެއާއިން ބުނީ އެ ދެ ޑޮކްޓަރުންގެ ޒިޔާރަތުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަން ހިދުމަތް ދޭނެ ކަމަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އައިކެއާ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމުތައް ރޭވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަދި ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން ރިފާ ކުރެވޭނީ އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށް ކަމަށް ބުންޏެވެ. އެގޮތުން ބަލިމީހުން ފުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި އައިކެއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއިން ލިބި، ދަތުރުފަތުރަށް ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ފަރުވާއާއި ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް ގޮތް ނިންމުމަށް ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަން އައިކެއާއިން ފާހަގަކުރެ އެވެ.
މި ދެ ޑޮކްޓަރުންނަށް ދައްކަން މިހާރު ވަނީ އެޕޮއިންޓްމަންޓަށް ހުޅުވާލައިފަ އެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސް ސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއާއިން އިރުޝާދު ދެ އެވެ.
އައިކެއާއިން ބުނީ އެ ހޮސްޕިޓަލުގެ ހޮޓްލައިން 3321026 އާއި ވައިބާ/ވަޓްސްއަޕް ނަމްބަރު 7201026 މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ ކަމަށެވެ.