ދުނިޔޭގެ މަޝްހޫރު ކޮންވީނިއަންސް ސްޓޯ ޗެއިން، ސެވަން އިލެވެން އިން އިންޑިއާގައި ހިންގާ ހުރިހާ ފިހާރައެއް ބަންދުކޮށްފި އެވެ. 

ޖަޕާނުގެ އެ ކުންފުނިން، އިންޑިއާގައި ހިންގާ ފިހާރަތައް ބަންދުކުރަން ނިންމީ އިންޑިއާގެ ލޯކަލް ފިހާރަތަކާ ވާދަކުރަން އުނދަގޫތަކާ ކުރިމަތިވުމުން ކަމަށް ޖަޕާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެ ފިހާރަތައް ބަންދުކުރި ސީދާ ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.  

ސެވަން އިލެވަންގެ ފިހާތަކަކީ އާންމުކޮށް ގޭގެއަށް ބޭނުންވާ ސާމާނު ވިއްކާ 24 ގަޑި އިރު ހިންގަމުން ދިޔަ ސްޓޯރުތަކެކެވެ.

އެ ފިހާރަތައް ބަންދުކުރި ކަން އިއުލާންކޮށް ނެރުނު ސްޓޭޓްމެންޓްގައި އެ ސްޓޯ ޗެއިން އިން ބުނީ، މުމްބާއީ އާއި ޕޫނޭގައި ހިންގަމުން ދިޔަ އެ ޗެއިންގެ 31 ފިހާރައެއް މިދިޔަ މަހުގެ 30 ގައި ބަންދުކޮށްފައިވާ ކަމަށެވެ. މުމްބާއީ އާއި ޕޫނޭގެ ހުރިހާ ފިހާރަތަކެއް ބަންދުކުރި ނަމަވެސް، އިންޑިއާގައި އެއްކޮށް އެމީހުންގެ ވިޔަފާރި ހުއްޓާނުލާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އެހެން ސަރަހައްދުތަކުން އެ އައުޓްލެޓްގެ ފިހާރަތައް ހުޅުވާނެ ކަމަށް ވެސް ވެސް ކުންފުނިން ބުންޏެވެ.

އިންޑިއާގެ ރެލަޔަންސް ރީޓެއިލާ އެކު ހެދި ލައިސެންސިން އެގްރީމެންޓެއްގެ ދަށުން އެ ބްރޭންޑް އިންޑިއާއަށް ތައާރަފްކޮށްފައިވަނީ އޮކްޓޫބަރު 2021 ގަ އެވެ. އޭރު އެކުންފުނިން ޕްލޭންކޮށްފައި ވަނީ ސެވަން އިލެވަންގެ ގާތްގާނޑަކަށް 60 އައުޓްލެޓް ހުޅުވުމަށެވެ.

ސެވަން އިލެވަން އިން ދުނިޔޭގެ އެކި ގައުމުތަކުގައި 80،000 އަށް ވުރެ ގިނަ ފިހާރަ އަންނަނީ ހިންގަމުންނެވެ.

ސެވަން އިލެވަންގެ ފިހާރަތައް ބަންދުކުރި އިރު އެ ކުންފުނީގެ ސީދާ ކޮމްޕެޓިޓާ ލޯސަން އިން އިންޑިއާގައި އެ މީހުންގެ ފުރަތަމަ އައުޓްލެޓް ހުޅުވަން ނިންމާފައިވަނީ އަންނަ އަހަރެވެ. އަދި 2030 ވަނަ އަހަރު އަންނަންވާ އިރަށް އިންޑިއާގައި އެ ކުންފުނީގެ 100 ސްޓޯ ހުޅުވަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.