އަންނަ މަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ. 

އެހެންވެ، މިއީ މިހާތަނަށް މި ދުވުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ފަހަރު ކަން ދިރާގުން ފާހަގަކުރެ އެވެ.

އެ ކުންފުނިން ބުނީ އަންނަ މަހުގެ 20 ގައި ބާއްވާ ދުވުމުގައި މިހާ ގިނަ ބަޔަކު ބައިވެރިވުމުން އެނގެނީ އެއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ 4،000 ފުރުސަތު ހުޅުވާލި ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ ގުޅިގެން ޖާގަ އިތުރުކުރިކަން ވެސް އެކުންފުނިން ފާހަގަކުރި އެވެ. 

މި އަހަރުގެ ދިރާގު ރޯޑް ރޭހަކީ 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން'އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތެކެވެ. އެހެންވެ، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެ އެވެ. 

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ދުވުމުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ މީހުން އެއްތަނަކުން ބައްދަލުވާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ގިނަ ދުވުންތެރިންގެ އިތުރުން އެކި ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވާ ދުވުމެކެވެ.