މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ބަޖެޓުގައި އެފަދަ މަޝްރޫއުތަކަށް ކަނޑައެޅި އަދަދުގެ 83 ޕަސެންޓް ވަނީ ހޭދަކޮށްފަ އެވެ. ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް ބަޖެޓުގައި 2.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ދަތުރުފަތުރުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ނިންމާފައިވަނީ ބްރިޖަށެވެ. އެ މަޝްރޫއުއަށް 798 މިލިއަން ކަނޑައަޅާފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ މަގުހެދުމަށެވެ. މަގު ހެދުމަށް 556 މިލިއަން ހޭދަކުރަން ނިންމާފައިވެ އެވެ. މި އަހަރު ތެރޭގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްތައް ކޮށްފައިވެ އެވެ. އެއީ މި ބަޖެޓުގެ ތެރެއިން ހިންގާ މަޝްރޫއުތަކެވެ.

މަގު ހެދުމުގެ އިތުރުން އެއާޕޯޓް ތަރައްގީކުރުމަށް 540 މިލިއަން، ބަނދަރު ހެދުމަށް 393 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިހާތަނަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން 40 ޕަސެންޓް ހޭދަކުރީ ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.