މެދުއިރުމަތީގެ ހަނގުރާމައިން ތެލުގެ ބާޒާރަށް އައި ލޮޅުމާ އެކު، ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި ކަމަށްވާ ސައުދީ އަރަމްކޯގެ މިއަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާ 34.6 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އުފެދުނު ބޮޑު ކާރިސާއާ އެކު އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބިފައިވާ އިރު، ސެޕްޓެމްބަރު 30 ގެ ނިޔަލަށް ނިމުނު ތިން މަސްދުވަހުގެ ސާފު ފައިދާގެ ގޮތުގައި 135.9 ބިލިއަން ސައުދީ ރިޔާލް (36.2 ބިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް އަރަމްކޯއިން ބުނެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 101 ބިލިއަން ރިޔާލްއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އަރަމްކޯގެ ފައިދާ މިހާ ބޮޑަށް އުފުލުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ސަބަބުން ކަނޑުގެ މުހިންމު ސަރަހައްދުތަކުން ދަތުރުފަތުރު ކުރުމަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިގެން ދިޔަ އެވެ.
ހަކަތައިގެ ބާޒާރުގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ޔަމަނުގެ ހޫތީން ސައޫދީގެ ތެޔޮ ޓޭންކަރުތަކަށާއި ރިފައިނަރީތަކަށް އަމާޒުކޮށް ހަމަލާދެމުންދިޔަ ނަމަވެސް، އަރަމްކޯއިން ވަނީ އެ ކުންފުނީގެ 1,200 ކިލޯމީޓަރުގެ އީސްޓް-ވެސްޓް ޕައިޕްލައިން (ޕެޓްރޯލައިން) މެދުވެރިކޮށް ރެޑް ސީ ބަނދަރަށް ދުވާލަކު 7 މިލިއަން ފީފާގެ ތެޔޮ ފޮނުވައިގެން ސަޕްލައި ހިފަހައްޓައިފަ އެވެ.
މީގެ އިތުރުން، އަރަމްކޯއިން މިހާރު ދަނީ ހަމައެކަނި ތެލުގެ ވިޔަފާރިއަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ވިޔަފާރި ފުޅާކުރަމުންނެވެ. އެގޮތުން ސައުދީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ކަމަށްވާ "ހިއުމެއިން" ގެ 49 ޕަސެންޓް ހިއްސާ 2.6 ބިލިއަން ޑޮލަރަށް ގަތުމުގެ މުއާމަލާތް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.