ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ކޯޑް" ޕްރޮގްރާމް ބ. އޭދަފުށީގައި ފަށައިފި އެވެ.
"ގާލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް 2019 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ޒުވާން އަންހެނުން މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާފައިވާކަން ދިރާގުން ފާހަގަކުރެ އެވެ.
މި އަހަރުގެ އެޑިޝަން އޭދަފުށީގައި ކުރިއަށް ގެންދަނީ އޭއައި ހުނަރުތަކަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ، މުގައްރަރަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ހަތް ހަފުތާގެ މުއްދަތަށް "ހައިބްރިޑް" މޮޑެލްއަށް އޭދަފުށީގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި އަމަލީ ކުލާސްތަކާއި ވާޗުއަލް ސެލެކްޝަންތަކުގެ އިތުރުން މެންޓާޝިޕް ސެޝަންތައް ހިމެނެ އެވެ.
އޭދަފުށީގައި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖަ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، "ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރާއި މި ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރުމާއި އަންހެނުން ބާރުވެރިކުރުމަކީ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޕްރޮގްރާމްގައި އޭއައިއަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މެންޓާޝިޕް އަދި ކެރިއާ ގައިޑެންސް ސެޝަންތަކުގެ ސަބަބުން ބައިވެރިންނަށް އަމަލީ މާހައުލުގައި ހުރި ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ.
ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިންހާ ޒާހިރު ވިދާޅުވީ، އެއީ ޒުވާން އަންހެނުންގެ ތެރެއިން އިތުރަށް ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވެ، ކޯޑިން އާއި އޭއައިގެ ހުނަރުތައް ވަރުގަދަކޮށް، ޑިޖިޓަލް ދާއިރާގައި އައު އުފެއްދުންތައް ބިނާކުރާ ބަޔަކަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ މުހިންމު ބައެއްގެ ގޮތުގައި "ޓެކް އެންޑް ބިޔޯންޑް" ގެ ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، މި ސެޝަންތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ އިސްވެރިންނާއި ފަންނީ މާހިރުން ވަނީ މި ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
އުމުރުން 15-35 އަހަރާ ދެމެދުގައި ކޯޑިންގެ ތަޖުރިބާ ނެތް އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ނިމޭއިރު، ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓްތައް ތައްޔާރުކުރަން ދަސްވާނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރުން، ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ލިބޭނެ އެވެ.
އެ ޕްރޮގްރާމް މިހާތަނަށް މާލެ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ގދ. ތިނަދޫ އަދި ފުވައްމުލަކުގައި ވަނީ ބާއްވައިފަ އެވެ.