ވިލާ ކޮލެޖުން އާ ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ. 

އެ ކޮލެޖުން މިއަދު ބުނީ، ބެޗެލާ އޮފް ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރާފް ކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީގެ އިންޓޭކްއިން ފެށިގެން އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ޖިނާއީ އަދާލަތުގެ ދާއިރާއިން އާ ޑިގްރީ ކޯހެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ތިން އަހަރު ޕްރޮގަރާމަކީ، މި ދާއިރާގެ އެކި ވަޒީފާތަކަށް ދަރިވަރުން ތައްޔާރު ކުރުމަށްޓަކައި ފަރުމާ ކޮށްފައިވާ ޕްރޮގްރާމެއްކަން ވިލާ ކޮލެޖުން ފާހަގަކުރި އެވެ.

ހިއުމަން ރައިޓްސް އެންޑް ކްރިމިނަލް ޖަސްޓިސް އާއި ލީގަލް އެތިކްސް އެންޑް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީ ފަދަ މާއްދާތައް އެ ކޯހުގައި ހިމަނާފައިވަނީ އިންސާނީ ހައްގުތަކާއި އެތިކަލް ސްޓޭންޑާޑްތަކަށް ހާއްސަ ސަމާލުކަން ދޭން ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ. އެއާ އެކު، މުޖުތަމައުއާ ގުޅުން ހުރި މައްސަލަތަކާއި ގުޅުން ހުރި މާއްދާތަކުގައި ހިމެނޭ، ޔޫތު ޑެލިންކުއެންސީ، ސަބްސްޓެންސް އެބިއުސް އެންޑް ރިހެބިލިޓޭޝަން އަދި ޖެންޑާ އެންޑް ކްރިމިނަލް ފަދަ މާއްދާތައް ޕްރޮގްރާމްގައި ހިމެނެ އެވެ.

ޖިނާއީ އަދާލަތުގެ ނިޒާމު މަސައްކަތްކުރާ ގޮތްތަކުގެ އިތުރުން، ކްލާސްރޫމްގައި ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ އާއި ހަރަކާތްތައް ވެސް ދަރިވަރުންނަށް ކޯހުގައި ދަސްވާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އެ ޕްރޮގްރާމްގެ ކްރެޑިޓްގެ 70 ޕަސެންޓު ފުރިހަމަކުރުމަށް ފަހު، ކެޕްސްޓޯން ޕްރޮޖެކްޓެއް ނުވަތަ އިންޓާންޝިޕްގެ ފުރުސަތު ދަރިވަރުންނަށް ދޭނެ އެވެ.

އަމަލީ ތަޖުރިބާ އުނގެނުމުގެ މޮޑިއުލްތައް ކަރިކިއުލަމްގައި ހިމެނިފައި ވުމުން، ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ސްކޫލުތަކާއި މުޖުތަމައުގައި ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެކަން ވިލާ ކޮލެޖުން ފާހަގަކުރި އެވެ. އެގޮތުން، ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް، ސަސްޓެއިނަބިލިޓީ އަދި އޭއައި ޑޭޓާ އެނަލިޓިކަލް ވެސް ކިޔަވައިދޭނެ އެވެ. އަދި ޖިނާއީ އަދާލަތުގެ ނިޒާމު އިސްލާހު ކުރުމާ ގުޅޭ ސިޔާސަތު އެކުލަވައިލުމާއި އެޑްވޮކެސީގެ މަސައްކަތައް ވެސް ދަރިވަރުން ތައްޔާރު ކުރުމަކީ އަމާޒެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.