ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2،000 އަށް ވުރެ ގިނަ ގޭމަރުންނާއެކު މިރޭ ފަށާނެ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ މި ހަރަކާތް ބެލުމަށް ހުރިހާ ފަރާތްތަކަށް ވެސް ހިލޭ ވަދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި އިވެންޓުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި ގޭމިން ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެނާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ. ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް އަދި ރޮކެޓް ލީގްގެ ފޯރި ގަދަ މެޗުތައް މި ހަރަކާތުގައި ފެންނާނެ އެވެ.
މި މުބާރާތްތަކުގެ އިތުރުން ވެސް، މި އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިން ސިމިއުލޭޓަ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ) ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ގޭމްސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމު ކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތުކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.
މި ދިޔަ އަހަރު ބޭއްވި މުބާރާތްތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ 150،000ރ. ގެ ބޮޑު ފައިސާގެ އިނާމަކާއެކުގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން އަންނަނީ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަަމށް ދިރާގުން ބުންޏެވެ.