ލުއިކޮށް ތައްޔާރުކޮށްފައިވާ ދެ ރުފިޔާގެ ފައިސާފޮތި ނެރެފި

އާ ޑިޒަނަކާ އެކު، ބަރުދަން ލުއިކޮށް ތައްޔާރުކޮށްފައިވާ އާ ދެ ރުފިޔާގެ ފައިސާފޮތި މިއަދު ހެނދުނު އެމްއެމްއޭ އިން ނެރެފި އެވެ.


މަރުކަޒީ ބޭންކުގައި ބޭއްވި ކުޑަ ހަފުލާއެއްގައި އެ ފައިސާފޮތި ނެރެދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަދި އޭގެ ފަހުން އެ ދެ ރުފިޔާ ބޭނުންކޮށްގެން ކުރި ފުރަތަމަ މުއާމަލާތުގައި ގަވަރުނަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ބޭރުގައި ނިކަލް ބްރާސް އަދި ޕްލޭޓެޑް ސްޓީލް އިން އެތެރެ ތައްޔާރުކޮށްފައިވާ ފައިސާފޮތީގެ ކައިރި ފަށް އޮމާނެވެ. ނިޝާނެއްގެ ގޮތުން ބޭނުންކޮށްފައި ވަނީ ކުރީގެ ދެ ރުފިޔާގައި ވެސް ހުންނަ ސަންގު ބޮއްޔެވެ. މި ފައިސާފޮތީގެ ބަރުދަނުގައި ހުންނަނީ 6.20 ގްރާމެވެ. މިހާރު ބޭނުންކުރަމުން އަންނަ ދެ ރުފިޔާގެ ފައިސަފޮތީގެ ބަރުދަނުގައި ހުންނަނީ 11 ގްރާމެވެ.

އަލަށް ނެރުނު ދެ ރުފިޔާގެ ފައިސާފޮތި ޑިޒައިންކުރީ އެމްއެމްއޭ އިންނެވެ.

އާ ފައިސާފޮތި ނެރެމް މިއަދު ހެނދުނު މަރުކަޒީ ބޭންކުގައި ބޭއްވި ހަފުލާގައި ގަވަރުނަރު ޑރ. އަޒީމާ އެ ފައިސާފޮތި ނޫސްވެރިއަކަށް ހަދިޔާކުރައްވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަރުކަޒީ ބޭންކުގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު ވިދާޅުވީ އާ ފައިސާފޮތި ބޭނުންކޮށްގެން މިހާރު ވިޔަފާރިކުރެވޭނެ ކަމަށެވެ. އަދި ކުރީގެ ދެ ރުފިޔާގެ ފައިސާފޮތި ވެސް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު ބޭނުން ކުރަމުން އަންނަ ފައިސާފޮތި ބޭނުން ކުރެވޭނެ ވަކި މުއްދަތެއް ނެތް. ނަމަވެސް އެމްއެމްއޭ އަށް ލިބޭ ފައިސާ އަނބުރާ ސާކިއުލޭޝަނަކަށް ނުނެރޭނެ،" މަންސޫރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ވަނީ މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް މިދިޔަ މެއި 10 ގައި ނެރެފަ އެވެ. ނަމަވެސް އެ ނޫޓު ބޭނުންކުރާކަށް އަދި ނުފަށަ އެވެ. އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާފޮއްޗެއް ނެރޭށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެއް ނެރުމަށެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.