ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް "ޔޫފެސްޓް"ގެ ނަމުގައި ގިނަ ކުޅިވަރުތަކާ އެކު، ހުޅުމާލޭގައި މާދަމާ ބާއްވަން ތައްޔާރުވި ބޮޑު ހަރަކާތް، މޫސުން ގޯސްވުމާ ގުޅިގެން އާދިއްތަ ދުވަހަށް ފަސްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ އިވެންޓް ބާއްވަނީ މަޝްހޫރު އިވެންޓް އޮގަނައިޒާ ބްލަކް އިންނެވެ. ބްލަކް އިން ބުނީ ޔޫފެސްޓް އޮންނާނީ އާދިއްތަ ދުވަހު ހެނދުނު 5:30 ން އެ ރޭގެ 12:00އާ ހަމައަށް ކަމަށެވެ.

"މޫސުން ގޯސްވީމަ މި ފަސްކުރީ. އާދިއްތަ ދުވަހަކީ ވެސް ބަންދު ދުވަހެއް ވީމަ، ގަޑި އަށް އެއްވެސް ބަދަލެއް ނާންނާނެ،" ބްލަކްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާާލޭގެ ތަފާތު ސަރަހައްދުތަކުގައި ކަމަށެވެ. އަދި ވަރަށް ގިނަ، ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"އިވެންޓްގެ ކޮންސެޕްޓް ރޭވިފަ ވަނީ ތީމް ޕާކެއްގެ އިހުސާސް ކުރެވޭ ގޮތަށް. އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުތަކުގެ ކުޅިވަރުތައް ކުޅެވޭނެ. ކުޅިވަރުތަކުގައި ބައިވެރިވާން ރެޖިސްޓްރީ ކޮށްލީމަ ނިމުނީ،" ޖިނާ ވިދާޅުވި އެވެ.

ޔޫފެސްޓްގަައި ކުރިއަށް ގެންދާ ހަރަކާތްތައް

- ޔޯގާ ސެޝަން - ބައިކް ރައިޑް - ފުޓްސެލް ޓޯނަމެންޓް - ސްކަވެންޖާ ހަންޓް - ކިޑްސް ވޯޓާ ފައިޓް - ސްޓޭންޑަޕް ޕެޑްލިން ރޭސް - ޖެޓްސްކީ ރޭސް - މަސް ބޭނުމުގެ މުބާރާތް - ކުޑަކުދިންގެ ހަވީރު - ވާޗުއަލް ރިއަލިޓީ ގޭމިން - ކެއުމުގެ މުބާރާތަކާއި، ބާބެކިއު - އޮބްސްޓެކަލް ކޯސް - ޑީޖޭ ސެޝަނަކާއި، މިއުޒިކް ޝޯ

ޖިނާ ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ތަފާތު ބާވަތްތަކުގެ ކާނާ ލިބޭނެ ގޮތަށް ފުޑްކޯޓުތަކާއި، ވިޔަފާރި ކުރެވޭނެ މާކެޓްތައް ހުންނާނެ ކަމަށެވެ.

"މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިން ބައިވެރިވާނެ. އަދި އިންޓަނޭޝަނަލް ލަވަކިއުންތެރިން ވެސް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

މިއީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް ވީ ނަމަވެސް، ހުރިހާ އުމުރުފުރަޔަކަށް ބައިވެރިވެވޭ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ. އެހެންކަމުން، ބްލަކްގެ އެދުމަކީ ވީހާވެސް ގިނަ މީހުން މި އިވެންޓްގައި ބައިވެރިވެ، އެންމެންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިއުމެވެ.