އާއިލީ ތަފާތު މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން މުޅިން ހިލޭ ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން، އެ ޖަމިއްޔާގެ މަސައްކަތްތައް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ކްރައުޑް ފަންޑިން ކެމްޕޭނެއް ފަށައިފި އެވެ.
ފެމިލީ ލީގަލް ކްލިނިކަކީ އާއިލީ ކޮންމެ މައްސަލައެއްގެ ސަބަބުން އިޖުތިމާއީ އެތައް ގޯހެއް ފެންމަތިވާ އިރު، އެ ކަންކަން ހައްލު ކުރުމުގެ އަޒުމާ އެކު 2014 ވަނަ އަހަރު ހިންގަން ފެށި ޖަމިއްޔާއެކެވެ. މިހާރު އެ ޖަމިއްޔާއާ 17 ވަކީލަކު ގުޅިފައިވާ އިރު، އުރީދޫގެ އެހީތެރިކަމާއި އެކު ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ.
"އަސްލު އަޅުގަނޑުމެން މިއަދު ބޭނުންވަނީ މިއީ ކިހާ މުހިންމު ކަމެއް ކަން އާންމުންނަށް އެނގިގެން، މި މައްސަލަތައް ހައްލު ކުރަން އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދޭން،" ފެމެލީ ލީގަލް ކްލިނިކްގެ ކޯފައުންޑާ ހައްވާ ޝަފީއާ ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޖަމިއްޔާގައި ހަރަކާތްތެރިވާ ވަކީލުންނަކީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ބައެއް ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ މީހުންނާ މުއާމަލާތު ކުރާނެ ހާއްސަ ތަމްރީނެއް ޝީގެ ފަރާތުން ވަކީލުންނަށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަފީއާ ވިދާޅުވީ މިހާތަނަށް 178 މީހަކަށް، ހިދުމަތް ދީފައިވާ ކަމަށާއި އަދި 119 މީހުން ރެޖިސްޓްރީ ކޮށްފައި އެބަތިބި ކަމަށެވެ.
ފެމިލީ ލީގަލް ކްލިނިކަށް އެހީތެރިކަން ފޯރުކޮށްދޭނީ ކިހިނެއް؟
ޝަފީއާ ވިދާޅުވީ އެ ޖަމިއްޔާ މިހާރު ވެސް ހިންގަމުން އަންނަނީ އެކި ފަރާތްތަކުގެ އެހީތަކާ އެކުގައި ކަމަށެވެ. އަދި މިފަދަ ގާނޫނީ އެހީތެރިކަމެއް ފޯރުކޮށްދޭ އިރު، ރައްކާތެރިކަމާ އެކު ވަކީލުންނާ ބައްދަކުކޮށް މަޝްވަރާ ކުރެވޭނެ އޮފީހެއް ފަދަ ތަނެއް ހިންގަން ޖެހޭއިރު އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އެބަޖެހޭ ފުލްޓައިމް ސްޓާފުން ވެސް ގެންގުޅެން، މިކަހަލަ ހިދުމަތެއް ދޭއިރު މިއީ ހަމަ ކޮންމެހެން ވެސް ހިިނގާނެ ބޮޑެތި ހަރަދުތައް... ކުރިއަށް އޮތް ތަނުގައި ފުލްޓައިމް ވަކީލެއް ވެސް މިކޮޅުގައި ގެންގުޅެން ބޭނުންވޭ. އޭރުން އެހީތެރިކަން ބޭނުންވާ ފަރާތްތަކާ އެކު ކޯޓަށް ގޮސް ވަކާލާތު ވެސް ކޮށްދެވޭނެ،" ޝަފީއާ ވިދާޅުވި އެވެ.
ޝަފީއާ ވިދާޅުވީ އެ ޖަމިއްޔާ އަށް ވާ ކޮންމެ އެހީ އަކީ ވެސް، މުޖުތަމައަށް އޭގެ ރަނގަޅު ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
ފެމިލީ ލީގަލް ކްލިނިކަށް ތިން ގޮތަކަށް އެހީތެރިވެވިދާނެ އެވެ. އެއީ އެ ޖަމިއްޔާއަށް ފޮނުވާ ޗެކްގެ އިތުރުން ގޯ ފަންޑް މީ ވެބްސައިޓުގައި ފަށާފައިވާ އެ ޖަމިއްޔާގެ ކެމްޕޭނަށް ޑޮނޭޓް ކުރެވޭނެ އެވެ. ނުވަތަ އެ ޖަމިއްޔާގެ ބޭންކް އެކައުންޓަށް ޑޮނޭޝަން ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.
އެ ޖަމިއްޔާގެ އެކައުންޓް ނަމްބަރު: 1602005986 (ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް)
މި ހަރަކާތުން ލިބޭ ފައިސާ ޕްރޫޑެންޓް ޗާޓާޑް އެކައުންޓިންއާ ހަވާލު ކޮށްގެން ޕަބްލިކް އޮޑިޓެއް ވެސް ކުރާނެ އެވެ. ފެމިލީ ލީގަލް ކްލިނިކުން ބުނީ މިއީ، މި ކެމްޕޭން ވީހާ ވެސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިއުމަށް ކުރާ ކަމެއް ކަމަށެވެ.
ޝަފީއާ ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ، މި ކެމްޕޭނުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެނަމަ، ޖަމިއްޔާގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ މަގު ފަހި ކުރުމަށް އިންވެސްޓް ކުރުން ކަމަށެވެ. މިއާ އެކު އެ ޖަމިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ އެވެ.