ޖިންސީ ތަފާތުކުރުންތަކުގެ ޝިކާރައަކަށްވާ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިން ތިބޭ ހިޔާއެއްގައި ޑިސެމްބަރު 11، 2021 ގައި މީހަކު ޓީވީ ބަލަނީ: އަންހެނަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަ އަދިވެސް ބައެއް ގައުމުތަކުގައި ވަރަށް ބޮޑު. -- ފޮޓޯ: އޭއެފްޕީ
25 ނޮވެމްބަރ 2025 - 07:54
މިދިޔަ އަހަރު ކޮންމެ 10 މިނެޓެއްގެ ތެރޭ އަންހެނަކު، އޭނާގެ ގާތް މީހެއްގެ އަނިޔާތަކުގައި މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި ނެރުނު ރިޕޯޓްގައި އދ. އިން ބުނީ ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވާ ކަމަށެވެ. މި ރިޕޯޓްގައި، އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާފައިވާ އަންހެނުންގެ 60 ޕަސެންޓަކީ ބައިވެރިޔާ، ބައްޕަ، ބޮޑުބޭބޭ، މަންމަ އަދި ބޭބެ ފަދަ ގާތް މީހުންގެ ސަބަބުން މަރުވި މީހުންނެވެ. އަދި މަރާލި ފިރިހެނުންގެ ތެރެއިން 11 ޕަސެންޓަކީ ގާތް މީހުންގެ އަނިޔާތަކުގައި މަރާލި މީހުން ކަމަށް ބުނެފައިވެ އެވެ.
މިއީ 117 ގައުމަކުން އެއްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ދީފައިވާ ނަންބަރެކެވެ. އެއީ ކޮންމެ ދުވަހަކު 137 އަންހެނުން ނުވަތަ ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން އަންހެނަކު މަރާލުންކަން ރިޕޯޓްގައި ވަނީ ކަންބޮޑުވުމާ އެކު ފާހަގަކޮށްފަ އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކުޑަ ތަންކޮޅެއް ދަށް އަދަދެއް ނަމަވެސް އދ. އިން ބުނީ މައުލޫމާތު ލިބުމުގައި ހުރި ދަތިކަމަށް ބަލާއިރު މިއީ ހަގީގަތުގައި ދަށްވުމެއް ކަމަސް ނުބެލެވޭ ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވަނީ އަންހެނަކަށް ވީތީ މެރުމުގެ މައްސަލަ އަދިވެސް ވަރަށް ބޮޑު ކަމަށާއި އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބި އެތައް ހާސް އަންހެނުންނަކާއި އަންހެން ކުދިންގެ ފުރާނަ ގެއްލޭ ކަމަށެވެ. އަދި މި މައްސަލައާ ހެދި ގެޔަކީ އަންހެނުންނަށް އެންމެ ނުރައްކާތެރި ތަން ކަމަށް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ނެތް ސަރަހައްދެއް ދުނިޔޭގައި ނެތް ކަމަށާއި އެކަމަކު އަދިވެސް މައްސަލަ އެންމެ ބޮޑީ އެފްރިކާ ސަރަހައްދުގައި ކަމަށް ރިޕޯޓްގައިވެ އެވެ. އެ ސަަރަހައްދުގައި މިދިޔަ އަހަރު ވެސް 22،000 އަންހެނުން މަރާފައިވެ އެވެ.
"އަންހެނުން މަރާ ހިސާބަށް ދަނީ ކުއްލިއަކަށް ނޫން. މި ހިސާބަށް ދަނީ އަންހެނަކު ކޮންޓްރޯލް ކުރުމަށް -- އޮންލައިން މެދުވެރިކޮށް ހިންގާ އަމަލުތައް ވެސް ހިމެނޭ ގޮތަށް -- ބިރު ދައްކައި ފުރައްސާރަކުރުން ފަދަ އަނިޔާވެރި އަމަލުތައް ތަކުރާރުވަމުން ދިއުމަށް ފަހު،" ޔޫއެން ވިމެންސް ޕޮލިސީ ޑިވިޝަންގެ ޑިރެކްޓަރު ސާރާ ހެންޑްރިކްސް ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނުރުހުމުގައި އަންހެނުންގެ ފޮޓޯ އާންމުކުރުން، ޒާތީ ފޮޓޯ އާއި މައުލޫމާތު ހާމަކުރުން އަދި ޑީޕްފޭކް ވީޑިއޯ އުފެއްދުން ހިމެނެ އެވެ.
ރިޕޯޓްގައި ވަނީ މިފަދަ ކަންކަން ހުއްޓުވޭނެ ހަރުކަށި ގާނޫނުތައް ހަދަންޖެހިފައިވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖޭގެ ހާލަތު
25 November 2025
މި ރާއްޖޭގައި 28.4% އަންހެނުން ވަނީ ގެވެށި އަނިޔާ ތަހައްމަލް ކޮށްފައިވޭ. (އެފް.ޕީ.އޭ)
ކޮހިނޫރު
25 November 2025
ދުނިޏޭގެ ސްޓެޓިސްޓިކްސް ދައްކަންވެއްޖެއްޔާ ބަޔަކު މޮޔަވެދާނެ! މިނެޓަކު ކިތައް އަންހެނުން ރޭޕްކުރާކަން އިނގޭތޯ؟ ބަނޑަށް ކިތައް ކުޑަކުދިން މަރުވާކަން؟ މިނަޓަކު އެކްސިޑެންޓުގަ މަރުވާ އަދަދު؟ އިހަށްހިނގާ މިކުޑަކުޑަ ދިވެހި މުޖުތަމަޢުގަ ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން!!
ހޮރުން ނުކުމެ ވާނުވާ ބަލަމާ
25 November 2025
ދިވެހި ރާއްޖޭގެ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެމީހުންނަށް އަނިޔާއިން ސަލާމަތްވެވޭނެ މަގުތައް ހަރުދަނާ ގޮތެއްގައި ބިނާވެފައި ނެތުމަކީ މި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލައެއް.
ސަހަރޯއި
25 November 2025
އަހަރެމެންގެ މި ދިވެހި މުޖުތަމައަކާ ނުގުޅެ.
ޙުސެންބެ
25 November 2025
ނޫސްތަކުން ބަލާލަދީބަލަ...ކިތައް އަންހެނުން އައް އަދުލު އިންސާފް ލިބުނުތޯ؟ ޢެމީހުން އުޅޭ ހާލު؟
މައްކުބޭ
25 November 2025
އަންހެނަކަށްވީތީ ރާއްޖޭގައި އެންމެ މީހަކުވެސް މަރާފަވާނެކަމަކަށް ނުބެލެވޭ، ރާއްޖެއަކީ އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއް، ދަަައުލަތާ ދައުލަތުގެ ކުންފުނިތަކުގަ މަސައްކަތްކުރާ 80% އަކީ އަންހެހުން، މަތީ މަޤާމްތަކުގަވެސް އަންހެނުން މިހާރު މަދެއް ނޫން. ރާއްޖޭގެ ފިރިހެނުންނަށްވުރެ ކިޔަވާ ކުދިންވެސް ގިނައީ އަންހެނުން، ރާއްޖޭގަ ހިންގާ ކޯސްތަކުގެ 80% އަކީ އަންހެން ކުދިން. ޕޮލިޓިކަލް ދާއިރާ ތަކަށް އަންހެނުން ނުދަނީ އެދާއިރާ ކޮރަޕްޓްވެފަ އޮތްވަރުން.
ކޮތަރޭ
25 November 2025
އެއްވެސް ހަގީގަތެއް ނެތް ވާހަކަ. އެމީހުން ކޮންތަނަކުން ތި މައުލޫމާތު ހޯދީ؟ މި ދިވެހިރާއްޖޭގައިވެސް 15 އަހަރު ވެގެން ދާ އިރުވެސް ޝަރުއީ ކޯޓުތަކަށް ވެސް މިއުޅެނީ ހުކުމް ނުކުރެވިގެން ގާތިލަކީ ކާކުކަން. މިދިޔަ 2 އަހަރުވެސް އެންމެ ގިނަ އަންހެނުން މަރުވީ ފަލަސްތީނުގެ ޤާޒާ ގައި. މިކަހަލަ އެތައް ހަގީގަތެއް ފޮރުވަން ވެގެން ދައްކާ ބޭކާރު ވާހަކަތައް ތީ